އިންޑިއާގެ މިޒޯޒަމް ސްޓޭޓްގެ ސައިރާންޖް ގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓި 17 މީހަކު މަރުވެއްޖެއެވެ. މިއީ އިންފްރާސްތްރަކްޗާ ފެއިލްވުމުގެ ހާދިސާތަކުގައި ދާދިފަހުން އިންޑިއާގައި ބްރިޖެއް ވެއްޓި ހިނގި ހާދިސާއަށް ފަހު ހިނގި އެންމެ ބޮޑު ހާދިސާއެވެ.
އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޒޮރަމްތަންގާ، ވެއްޓިފައި އޮފް ބްރިޖްގެ ފޮޓޯ އެކްސް ގައި އާންމު ކުރެއްވި އިރު، ދެ ތަނބާ ގުޅިފައި އޮތް ދަނަގަޑު ފްރޭމްގަނޑު ވެއްޓި ބިންމަތީގައި ޖެހިފައި އޮތް ތަން ފެނެއެވެ.
ފޮޓޯ ހިއްސާ ކުރައްވައި އޭނާ ވިދާޅުވެފައި ވަނީ ހިނގާ ދިޔަ ހިތާމެރި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށާއި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިހާރު ދެކުނު އެފްރިކާގައި ކުރިއަށް ދާ ބްރިކްސް ސަމިޓަށް ވަޑައިގެން ހުންނެވި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީވެސް ވަނީ، މިހާދިސާ އާ ގުޅިގެން ހިތާމަފާޅު ކުރައްވައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރީ ފާޅުކުރައްވާފައެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް 2500 އެމެރިކާ ޑޮލަރާއި، އަނިޔާވި މީހުންނަށް 600 އެމެރިކާ ޑޮލަރު ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެެވެ.
މިޒޯރަމް އަކީ އިންޑިއާ އާއި ބަންގްލަދޭޝް ގެ އިތުރުން މިޔަންމާ އާ ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ފަރުބަދަމަތީގެ ސްޓޭޓެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރަށުތެރެއަށް ނުވަތަ ސިޓީ ތެރެއަށް ގޮސް އައިސް ވުމަށް ބޭނުން ކުރަނީ، ބްރިޖާއި، ހައިވޭގެ އިތުރުން ފަހަރަކު ވެހިކަލަކަށް ދެވޭ ސިންގަލް ލޭން ޓްރެކްތަކެވެ. އާންމު މަގުތަކެއް ނުހުރެއެވެ.
ކުރިއަރަމުން އަންނަ އިންޑިއާގައި ދަތުރުފަތުރުގެ ފަސޭހަތަކަށް ބްރިޖާއި، ހައިވޭތައް ހަދަމުން އަންނަ އިރު، މިފަދަ ގިނަ ހާދިސާތައް ހިނގަމުން ދެއެވެ. އެންމެ ފަހުން މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައި ވަނީ ހުސްވި ޖޫން މަހުއެވެ. އެފަހަރުގެ ހާދިސާގައި ވެއްޓިފައި ވަނި ބިހާރުގެ އިރުމަތީ ބިތުގައި ގަންގާ ކޯރު ހުރަސްކޮށް އަޅާފައި އޮތް ބްރިޖެކެވެ. އެ ބްރިޖް މިއަހަރުގެ ތެރޭގައި ދެފަހަރަށް ވެއްޓިފައި ވެއެވެ.
އަދި މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވެސް ބްރިޖެއް ވެއްޓިފައި ވެއެވެ. މޯބީ އާއި ގުޖުރާތާ ދެމެދު ހުރަސް ކުރަން އަޅާފައި އޮތް އެ ބްރިޖް ވެއްޓުނު ހާދިސާގައި 135 މީހަކު ވަނީ މަރުވެފައެވެ.