ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތަކަކީ ރައްޔިތުންނަށާއި ގައުމަށް މަންފާ ލިބޭ، ތަރައްގީ ގެނުވާ ކަހަލަ ވެރިކަމެއް ކުރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން، ޑރ. މުއިއްޒުގެ އެއްވެސް ސިޔާސަތެއް ނެތްކަމަށް ބުނެ ދައްކަމުން ދާ ވާހަކައަށް، މިއަދު ށ. ކަނޑިތީމުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރައްދު ދެއްވާފައެވެ.
އެ ގޮތުން އަބްދުއްރަހީމް ވިދާޅުވީ މި ގައުމު މި ހާލަތަށް އައީ ރައީސް ޔާމީންގެ ސިޔާސަތު މި ސަރުކާރުން ތަންފީޒު ނުކުރުމުން ކަމަށާއި އެ ސިޔާސަތުތައް މި ސަރުކާރުން ތަންފީޒު ކުރި ނަމަ ގައުމުގެ ހާލަތު މިހާ ހިސާބަށް ނުދާނެކަމަށާއި ރައީސް ޔާމީންގެ ދައުރުގައި ރައްޔިތުންނަށް މަންފާ ވާ ގޮތަށް ކޮށްފައިވާ ގިނަ ކަންތައް ދޫކޮށް މި ސަރުކާރުން ބޭނުންވީ މުޅިން އާ ކަންތައްތައް ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމުގެ ނަތީޖާ މިއަދު ރައްޔިތުންނަށް ފެންނަމުންދާ ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތަކަކީ ރައްޔިތުންނަށް ފައިދާ ހުރި ތަރައްގީގެ ސިޔާސަތުތަކެއް ކަމަށެވެ. އަދި މިކަންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވަނީ މި ފަސް އަހަރު ރާއްޖޭގެ އިގްތިސާދު ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ބުނަމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ ރާއްޖޭގެ ރަށްތަކުގައި ފަގީރުންގެ ނިސްބަތް މަދުވެއްޖެ ކަމަށް ބުނެ މި ސަރުކާރުން ދައްކަމުން ދަނީ ވެސް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވަނީ އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބައްވާ އިންތިހާބުގައި އެއްވެސް ރައްޔިތަކު ވިސްނާނުލައި ވޯޓު ނުދިނުމަށް ގޮވާލައްވާފައެވެ.