ށ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގޮނާފަރުގެ ބިިން ހިއްކާ، ރިސޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދަޅުވެއްޖެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މިއަދު ކަނޑިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވާ މުއިއްޒު ވިދާޅުވީ، ގޮނާފަރުގައި ބިން ހިއްކައިގެން ތަރައްގީކުރެވޭ ރިސޯޓެއް ގާއިމް ކުރުމަކީ ޒުވާނުންނަށް އަދި އެކި އުމުރުފުރައިގެ މީހުންނަށް ވަޒީފާ ހޯދާދިނުމަށް ފަސޭހަ އަދި ދެކޮޅު ޖެހޭ މަޝްރޫއު އަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން ކަނޑިތީމުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނައިގެން، އެރަށާ އިންވެގެން އޮންނަ ކުޑަދޫ، ރައްޔިތުންނަށް ބޭނުން ކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކުޑަދޫ ބޭނުންކުރުމުގެ ފުރުސަތު، އިރާދަކުރެއްވިއްޔާ އިގުތިސާދީ ފައިދާ ހޯދަން ދޭން
މުއިއްޒު

މުއިއްޒު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި ކަނޑިތީމަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ ކަމަށެވެ. ޔާމިންގެ ވެރިކަމުގައި ބިލެއްފަހި ފަޅުގައި އެއާޕޯޓު އަޅަން ނިންމެވިކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ އެ ޕްލޭނާ އެއްގޮތަށް ބިލެއްފަހި ފަޅުގައި އެއާޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

ބިލެއްފަހި ފަޅުތެރޭގައި އެއާޕޯޓެއް އެޅުން އެއީ ރައީސް ޔާމީންގެ ވެސް ވައުދެއް. އެހެހެންވީމަ އެގޮތަށް ބިލެއްފަހި ފަޅުތެރޭގައި އެއާޕޯޓު ތަރައްގީކޮށްދީ، ޓޫރިޒަމް ތަރައްގީކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނަން.
މުއިއްޒު

މުއިއްޒު ވަނީ ކަނޑިތީމުގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ކަނޑިތީމަކީ ރަށް ގިރުމުގެ ހައްސާސް މައްސަލައެއްް އޮންނަ ރަށެއް ކަމުން އެކަމަށް ބޮޑު ހައްލެއް ގެނެސް ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ކުނި މެނޭޖް ކުރުމަށް ވެސް ހައްލެއް ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް އިހުލާސްތެރި ކަމާއެކު ހިދުމަތް ދެއްވާނެ ކަމަށާއި ރައްޔިތުންގެ އެންމެހާ ކަންކަމެއް އެންމެ ގާތުން ބައްލަވާނެ ކަމަށެވެ.