މި ފަސް އަހަރަކީ ވެރިކަމެއްގެ ތާރީހުގައިވެސް އެންމެ ގިނަ މަސައްކަތް ކުރި ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. ފައިނަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފައިނު ފަދަ ރަށް ރަށަކީ މީގެ ކުރިން އަޅާނުލާ ދޫކޮށްލާފައިވާ ރަށްރަށް ކަމަށާއި އެހެންކަމުން އަސާސީ ގޮތުން ރައްޔިތުން ބޭނުންވާ މަސައްކަތްތައް ފަށަން ޖެހުނު ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ 5 އަހަރުވެގެން ދާއިރު ލިބޭ ހިތްހަމަޖެހުމަކީ ރައްޔިތުން ބޭނުންވެފައިވާ ހިދުމަތްތައް ފުރިހަމަވެގެން ދިއުމުން ލިބޭ ހިތްހަމަ ޖެހުން ކަމަށާއި މި ފަދަ ރަށްރަށް މީހުން ދިރިއުޅެން ކަމުދާ ރަށްތަކަށް ވެގެން މިދަނީ އަދި ކިރިޔާ ކަމަށެވެ.
ކުރިއަށް އޮތް ދައުރުގައި ރަށްރަށުގައި ކުރެވެން ހުރި މަސައްކަތްތަކަށް ފުރުސަތު ހުޅުވާލައިގެން މާލީ އެހީތެރިކަން ފޯރުކޮށްދީގެން އެކަން ކޮށްދެއްވާނެ ކަމަށާއި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯން ފޯރުކޮށްދިނުމާއި ރަށު ފަތުރުވެރިކަން ތަރައްގީކުރަން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް އަހަރަށް މަސައްކަތް ކުރާއިރު މި ފަސް އަހަރަކީ ވެރިކަމުގެ ތާރީހުގައި އެންމެ ގިނަ މަސައްކަތް ކުރެވުނު ފަސް އަހަރު ކަމަށާއި ކޮވިޑާއެކު ހަގީގަތުގައި 5 އަހަރުވެސް މަސައްކަތްތައް ކުރަން ލިބިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދު 5 އަހަރު ތެރޭގައި ކުރެވޭނެ ކަމާމެދު ޝައްކެތް ނެތް ކަމަށާއި ދެން ވާދަވެރިން ވާނެ މާ ބޮޑު ވައުދެއް ނޯންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރ އަތޮޅުގެ ދެކުނައި އެއާޕޯޓު އަޅަން ބެރިޔަން ފަރު ކަނޑައަޅާ އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބެރިޔަންފަރު ނިންމީ ވަރަށް ގިނަ މަޝްވަރާއާއެކު ކަމަށާއި ބައެއް ރަށްރަށުގެ މީހުންގެ ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އެ ނިންމުން ނިންމީ އެންމެ ގިނަ ބަޔަކަށް ފަސޭހަވާނީ ބެރިޔަންފަރުގައި އެއާޕޯޓް އަޅައިގެން ކަމަށް ވާތީ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ފައިނު ވަށައިގެން ދަތުރުކުރެވޭނެ ޒަމާނީ ފެންވަރުގެ ރިންގްރޯޑެއް ހައްދަވައި ދެއްވާނެ ކަމަށާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ދޯނި އެހެލާނެ ތަނަކާއި ފުޓްބޯޅަ ދަނޑާއި ޓެނިސް ކޯޓު އަޅައިދެއްވާނެ ކަމަށެވެ. އަދި ފައިނުގައި މޫދަށް އެރޭ ޓްރެކެއްގެ އިތުރުން ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން އިތުރު ޖެން ސެޓްތައް ބަހައްޓައި ދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.