އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކެމްޕެއިން ކޮށްދެއްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ކަމަށް ވިދާޅުވެ، މުއިއްޒުގެ ތަރުޖަމާނު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މާރިޔާއަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ފޯރިއާ އެކު ކެމްޕެއިން ކުރަމުން އަންނަ މި ދުވަސް ވަރު ރައީސް ސޯލިހްގެ ކެމޕެއިން ތަރުޖަމާނު ގެންދަވަނީ ގާތްގާތުގައި ޕްރެސް ކޮންފަރެންސް ބާއްވައި މައުލޫމާތު ދެއްވަމުންނެވެ. ކޮންމެ ޕްރެސް އެއްގައި ވެސް ރައީސް ސޯލިހާ ބެހޭ ގޮތުން ކުޑަ ވާހަކަކޮޅެއް ހިއްސާ ކުރެއްވުމަށް ފަހު މާރިޔާގެ ގިނަ ވާހަކަތައް އަމާޒު ކުރައްވަނީ ޑރ. މުއިއްޒަށެވެ. އެގޮތުން މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކަށް ފާޑުވިދާޅުނުވާ ދުވަހެއް ނުދެއެވެ.
ރޭ މުއިއްޒުގެ ތަރުޖަމާނު ބޭއްވި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ބޮޑު ތަފާތަކުން ބަލިވާނެ ކަން އެމަނިކުފާނަށް އަދި އެމްޑީޕީއަށް ވެސް އެނގޭ ކަމަށާއި އެހެންކަމުން ދެ ދުވަހުން އެއް ދުވަހު މާރިޔާ ޕްރެސް ބާއްވައި މުއިއްޒަށް ކެމްޕެއިން ކޮށްދެއްވަމުން ރައީސް ސޯލިހަށް އެންޓި ކެމްޕެއިން ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
މާރިޔާ ބާއްވަވާ ކޮންމެ ޕްރެސްއެއްގައި ވެސް އަބަދުވެސް ދައްކަވަނީ ޕީއެންސީ ކެންޑިޑޭޓް މުއިއްޒުގެ ވާހަކަ ކަމަށާއި ސޯލިހަށް ކަންކަން ނުކުރެއްވޭ ވާހަކައާއި މުއިއްޒުގެ ގާބިލް ކަމުގެ ވާހަކަ މާރިޔާ ދައްކަވާ ކަމަށް ތޮލާލް ވިދާޅުވިއެވެ. އެހެންކަމުން މުއިއްޒަށް ކެމްޕެއިން ކޮށްދެއްވާ މާރިޔާ ދައްކަވާ ވާހަކަތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.