ރޯދަ މަހުގެ ފަހު 10 ދުވަހުގައި ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނެ ގޮތް ހަދައިދޭން ހިމަނާ އެމްޑީޕީގެ ކުރިއަށް އޮތް ދައުރުގެ މެނިފެސްޓޯގެ ހަތަރު ވަނަ ބައި މިރޭ އިފްތިތާހު ކޮށްފިއެވެ.

އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް "އުފާވެރި އަމާންރާއްޖެ" ގެ ނަމުގައި ހިންގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިރޭ ބ، ދަރަވަންދޫގައި ބާއްވަމުން ގެންދާ ޖަލްސާގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯގެ ހަތަރު ވަނަ ބައި އިފްތިތާތަހް ކޮށްފައެވެ.

"ހެޔޮވެރިކަން" ބައި އިފްތިތާހު ކުރިއިރު އެ ބައިގެ ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުންގެ ދަށުން ވަނީ ދައުލަތުގެ ހިންގުން ވަރުގަދަކުރުމުގެ ބައެއް ހިމަނާފައެވެ. އެބައިގައި ބުނެފައިވަނީ ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަސްއޫލު ވެގެން އުޅޭ ދުވަސްވަރު ކަމަށް ވާތީއާއި މުވައްޒަފުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި އެ ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' މޮޑަލިޓީއިން މަސައްކަތް ކުރާގޮތަށް ކަނޑައަޅާނެ ކަމަށެވެ.

އެ ބައިގައި ވަނީ ދައުލަތުގެ އިދާރާތަކުން އާންމުންނަށް ދޭ ހިދުމަތްތައް އެއް މަންސައެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ގާއިމް ކޮށްފައިވާ "ވަންގަވް" މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ދާއިރާ ފުޅާކޮށް، ދައުލަތުގެ ހުރިހާ އިދާރާއަކުން އާންމުންނަށް ދޭ ހިދުމަތްތައް މި ނިޒާމު މެދުވެރިކޮށް ލިބޭނެ ގޮތް ހަދާނެ ކަމަށާއި ރައްޔިތުންގެ މަޖިލީސް އެކުލެވިގެން ވާގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، މެމްބަރުންގެ އަދަދު ކޮންމެ ފަސްއަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރާނެ ކަމަށެވެ.

ދިވެހި ސިވިލް ސާވިސްއަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒު ކުރެވޭނެފަދަ ބައްޓަމަކަށް ގާއިމް ކޮށްފައިވާ އެފިޝަންޓް ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމަށާއި ސިވިލް ސާވިސްގެ ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަން ކުރެވިފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް ގާއިމް ކުރެވިފައިވާ ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމުގެ ގޮތުން ސިވިލް ސާވިސްގެ މޮޑެލްއަށް ގެންނަންޖެހޭ ޤާނޫނީ އިސްލާހުތައް ގެންނާނެ ކަމަށާއި ދައުލަތުގެ މުއައްސަސާތަކުގެ ގަވާނަންސްގައި ހުރި ފަރަގުތައް ނައްތާލައި، އޮޕަރޭޝަނަލް މިނިވަންކަމާއެކު ދައުލަތުގެ މުއައްސަސާތައް ހިންގޭނެ ޒަމާނީ އޮނިގަނޑެއް ގާއިމް ކުރުމަށްޓަކައި ޕަބްލިކް ސާވިސެއް ގާއިމްކުރުމުގެ ގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށްވެސް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

އެ މެނިފެސްޓޯގެ މިރޭ އިފްތިތާހު ކުރި ބައިގައި ބުނެފައި ވަނީ ވަޒީފާއާބެހޭ ގާނޫނަކީ ވަޒީފާއަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ފުރިހަމަގޮތުގައި ހޯދައިދޭ، ހިންގުމުގެ ނިޒާމުތަކަށް އައިސްފައިވާ ކުރިއެރުންތައް އެކުލެވޭ، ފްލެކްސިބަލް އަސާސްތަކެއްގެ މައްޗަށް ބައްޓަން ކުރެވިފައިވާ ޤާނޫނެއްގެ ގޮތަށް ބަދަލުކުރުމަށްޓަކައި ގާނޫނު އިސްލާހުކުރާނެ ކަމަށާއި މަސައްކަތުގެ ބާވަތުންނާއި މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާނުލާ ފްލެކްސިބަލް އަދި ރިމޯޓް ވޯކިންގްގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނޭ ގޮތް ހަމަޖައްސައި ދިނުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ވެސް ހިމަނާފައެވެ.

އެ ބައިގައި އިތުރަށް ވަނީ ދައުލަތުގެ މުސާރަތައް އެއް ހަމަ ކުރުމުގެ ސިޔާސަތުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ ފަންނުތަކަކަށް ބޭނުންވާ ޖޮބް މެޓްރިކްސްތައް އެކުލަވާލުމާއެކު އެއް ހަމަ މުސާރައިގެ މިންގަނޑުތަކެއް ގާއިމްކޮށް، މުސާރަތަކަށް ގެންނަންޖެހޭ ކުރިއެރުންތައް ގެންނާނެ ކަމަށްވެސް ހިމަނާފައެވެ.