އަންނަ ދައުރުގައި ބ. މާޅޮހުގައި އާ ސިއްހީ މަރުކަޒަކާއި ސިޓީ ހޮޓަލެއް އަޅައިދެއްވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވައުދު ވެވަޑައިގެންފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ބ. މާޅޮހަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކީ ހަމަޖެހިގެން ދިރިއުޅެވޭނެ ރަށެއްގެ ގޮތުގައި ބަދަލުކުރުމަކީ އެންމެ މުހިއްމު ވައުދު ކަމަށާއި އެގޮތަކަށް އެކަން ތަންފީޒު ކުރަންޖެހޭ ކަންކަން ބާރު ސްޕީޑްގައި ދަނީ ކުރަމުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މާޅޮހުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ލަފާފުރުމުގެ ދަތިކަން ކަމަށާއި މއީއައޭ ނިމުމާއެކު މާދަމާވެސް އެ މަސައްކަތް އޮތީ ފެށުމަށް ތައްޔާރުވެފައި ކަމަށެވެ. އަދި ބަނދަރު ބޮޑުކުރުމާ ގުޅިގެން ބައެެއް މީހުން މިއަދުވެސް ވާހަކަދެއްކިކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެކަމަކީ މަޝްވަރާކުރެވިގެން ކުރެވިދާނެ ކަމެއް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައީސްއަކު ހޮވާއިރު ވިސްނަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި މީގެ ކުރިއާއި މިއަދު އޮތް ގޮތް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އޭރުވެސް އިވެމުން ދިޔައީ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ވާހަކަތަކާއި ކައުންސިލަރުން އަބަދު ސަސްޕެންޝަނުގައި ތިބެން ޖެހޭ އަޑުތައް ކަމަށެށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެހެންނަމަވެސް މިދިޔަ 5 އަހަރު ނިމިގެން ދާއިރު އެ އަޑުތައް ނީވޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މާޅޮހަކީ ތިމާވެެއްޓަށް ލޯބިކުރާ ރައްޔިތުން އުޅޭ ރަށެއްކަން އެ ރަށުގެ ވެށިންވެސް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ރަށާއ އެންމެ ކައިރީގައިވާ ހަނިފަރު ބޭ ބަޔަސްފިޔަ ރިޒާވްއެއްގެ ގޮތުގައި އޮންނަތާ 10 އަހަރުވެއްޖެ ކަމަށާއި އަނެއްކާވެސް މަޝްވަރާއާއެކު އެ ރަށް އެގޮތަށް ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވަނީ މާޅޮހުގެ އާ ސިއްހީ މަރުކަޒަަކާއެކު ވަސީލަތްތައް އިތުރުކޮށްދެއްވުމަށާއި ސްކޫލަށް ބޭނުންވާ ކްލާސް ރޫމާއި މަލްޓިޕާފަސް ހޯލާއި އާ ބޮޑު މިސްކިތް ހަދައިދިނުމަށް ވައުދުވެވަޑައިގެންފައެވެ. އަދި ފުޓްސަލް ދަނޑަކާއި ފުޓްބޯޅަ ދަނޑެއްގެ އިތުރުން އެ ރަށުގެ މަގުތަކުގައި ފެންބޮޑުވުން ހައްލުކޮށް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން މާޅޮހުގެ ރައްޔިތުންނަށް ޕިކްނިކް ދާނެ ރަށެއް ހަމަ ޖައްސައިދޭނެ ކަމުގެ އުންމީދުވެސް ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.