މީޙުން ދިރިއުޅޭނެ ކޮންމެ ރަށަކަށް ދަތުރުދެވޭނެ ރަށެއް ހަމަޖެހިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބ އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ފަސްވަނަ މަންޒިލެއްގެ ގޮތުގައި ހިތާދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހިތާދޫ މީހުންނަށް ދަތުރުދެވޭނެ ރަށެއްގެ ގޮތުގައި ހުރާގަނޑު ހަމަޖައްސައިދިނުމަށް އެދިފައިވާ ކަމަށާއި އެހެން ރަށްތަކެކޭ އެއްގޮތަށް ރަށާ ކައިރިން ދަތުރުދެވޭނެ ރަށެއް ހިތާދޫއަށްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އަބަދުވެސް ނިކުންނަވަނީ ސިޔާސަތުތަކާއެކު ކަމަށާއި އެ ސިޔާސަތުތަކަކީ ރައްޔިތުންނާ ވާހަކަދައްކައިގެން ރައްޔިތުން ބޭނުންވަނީ ކޮން ކަމެއްތޯ ބަލާ އެކަންކަން ހިމަނައިގެން އެކުލަވާ ސިޔާސަތުތަކެއް ކަމަށެވެ. އަދި އެކަން ތަންފީޒުކުރަން ފައްޓަވާ ކަމަށާއި އެމަނިކުފާނު 2018 ވަނަ އަހަރުގައި ވެވަޑައިގެން ވައުދުތައް ފުއްދެވޭކަން ކޮންމެ ރަށަކުންވެސް ފާހަގަވެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރިއަށް އޮތީ ވަރަށް އުފާވެރި އަމާން ރާއްޖެއެއް ކަމަށާއި މި ވެރިކަން ދެމިގެންގޮސްފިނަމަ ރައްޔިތެއްގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނާނެ ކަމަށާއި ރަށުގައި ތިބެ ހިދުމަތްތަކާއި އާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ހިތާދޫއަށް އެންމެ މުހިއްމު އެއް ކަމަކީ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ހިއްކުން ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށެވެ. އަދި ހިތާދޫ ފަޅު ތެރޭގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކޮށްދެއްވުމާއި ބިން ހިއްކުމަށްފަހު ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވިއެވެ.

ހިތާދޫގައި އިންޑޯ ޖިން ހިމެނޭހެން ކޮމިއުނިޓީ ސެންޓަރަކާއި ބޯޓުޔާޑެއް އަޅައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ހިތާދޫގައި ފުޓްސަލް ދަނޑަކާއި ފުޓްބޯޅަ ދަނޑެއް އަޅައިދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

އޭގެ އިތުރުން ހިތާދޫގެ ރައްޔިތުން އިތުރު ކަމެއް ހިއްސާކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އުމުރުން 55 އަހަރު ވުމުން ވަޒީފާ ނުލިބޭނެ ގޮތް ބަދަލުކުރަން އެދިފައިވާ ކަމަށާއި އެކަމަށް ހައްލު ގެނެސް ގިނަ ބަޔަކަށް ތަސައްލީއެއް ގެނެސްދެއްވާނެ ކަމަށެވެ. އަދި އޮންލައިންކޮށް ގިނައިން ކޯސްތައް އެކުލަވާލުމަށްވެސް ހިތާދޫއިން އެދުނު ކަމަށާއި ކުރިއަށް އޮތް ހަފްތާ ތެރޭގައި އެކަންކަން ހާމަކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިޔާސަތުތަކެއް އެކުލަވާލައިގެން ނިކުމެ ހުންނެވީ އެމަނިކުފާނު އެކަނި ކަމަށާއި އެހެން ކެންޑިޑޭޓުން ތަންފީޒު ކުރެވޭ ފަދަ ސިޔާސަތުތަކެއް ނުނެރޭ ކަމަށެވެ.