އެސްޓީއޯއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމަންޓް (ސީއެސްއެސްޑީ) ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، ސީއެސްއެސްޑީ އަކީ ހޮސްޕިޓަލް ތަކުގައި އާންމުކޮށް ބޭނުން ކުރާތަކެތި (އިންސްޓްރޫމަންޓް، ގޯޒް، ކޮޓަން، ޑްރެސިންގައި ބޭނުންކުރާ ތަކެތި) ސާފުކޮށް، ޖަރާސީމު ނައްތާލާ، ސްޓެރިލައިޒް ކުރުމަށް ބޭނުން ކުރެވޭ ޑިޕާޓްމަންޓެއް ކަމަށެވެ.

ކޮންމެ ހޮސްޕިޓަލަކަށް ވެސް ސީއެސްއެސްޑީ އެއް ވަރަށް މުހިންމު ކަމަށާއި އޮޕަރޭޝަން ތިއޭޓާފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދެވޭނީ ރަނގަޅު ސީއެސްއެސްޑީއެއް ހުރެގެން ކަމަށް އެސްޓީއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

އެސްޓީއޯއިން ބުނީ، ހުޅުމާލެ ހޮސްޕިޓަލަކީ ކުރިއަރަމުން އަންނަ، އަދި ބަލިމީހުން ހިދުމަތް ހޯދާވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ހޮސްޕިޓަލަކަށް ވާތީ، އެ ހޮސްޕިޓަލަށް ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއްގެ ބޭނުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ "މަޓަޗާނާ" ބްރޭންޑަކީ މި ދާއިރާގައި ކުރިއަރާފައިވާ ތަޖުރިބާހުރި ކުންފުންޏެއް ކަމަށާއި ދިވެހި ރާއްޖޭގައި ވެސް މި ބްރޭންޑްގެ ސްޓެރިލައިޒޭޝަން އިކުއިޕްމަންޓް އެސްޓީއޯގެ ފަރާތުން އިންސްޓޯލްކޮށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، އެސްޓީއޯއާއި މަޓަޗާނާއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ އެކަށޭނެ ސެޓަޕެއް ކުރަހާ، މި ޑިޕާޓްމަންޓްގެ އިންޓީރިއާ ހުރިހާ މަސައްކަތަކާއި، އިކުއިޕްމަންޓްތައް ގެނައުމާއި، އިންސްޓޯލްކުރުން އަދި ބޭނުންވާ ޓްރެއިނިންތައް ދިނުމަށް މި އެގްރީމަންޓްގެ ދަށުން އެއްބަސްވެފައިވާ ކަމަށެވެ.

މި މަސައްކަތް އެސްޓީއޯގެ ފަރާތުން ނިންމުމަށް ހަމަޖެހިފައި ވަނީ 262 ދުވަހުން ކަމަށް އެސްޓީއޯއިން ބުނެއެވެ.