މާލެއިން ފުރައިގެން އިންޑިއާއަށް ދަތުރު ކުރި އިންޑިގޯ އެއާލައިންސްގެ ފްލައިޓެއްގައި ދެ އަންހެން ކެބިން ކްރޫއަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އުމުރުން 51 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މިހާދިސާ ހިންގާފައި ވަނީ، މިދިޔަ ހުކުރު ދުވަހު 3:45 އިން ހަވީރު 6:00 އާ ދެމެދު މާލެއިން ބެންގަލޫރަށް ދަތުރުކުރި އިންޑިގޯ ފްލައިޓް 6 އީ 1128 ގައެވެ.

"އިންޑިއަން އެކްސްޕްރެސް" ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، އަކްރަމް އަހްމަދު ނަމަކަށް ކިޔާ ދިވެހި މީހާ ހައްޔަރު ކޮށްފައި ވަނީ ބެންގަލޫރު އެއާޕޯޓުންނެވެ. އެ ފްލައިޓް ފުރުމާ އެކު 38ޑީ ސީޓްގައި އިން އަކްރަމް ވަނީ އުމުރުން 20 އަހަރުގެ ފްލައިޓް އެޓެންޑެންޓަކު އޭނާ ގާތަށް ގެންގޮސް ބިޔަރާއި ނަޓްސް އަށް އެދިފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި އެ ކެބިން ކްރޫއާ މުހާތަބުކޮށް އަކްރަމް ބުނެފައި ވަނީ، އެފަދަ އަންހެން ކުއްޖެއް ލިބޭތޯ އިންތިޒާރުގައި ހުންނަތާ 51 އަހަރު ވެފައިވާ ކަމަށެވެ.

އެއަށްފަހު 10 ޑޮލަރުގެ ބިޔަރަކަށް އަންހެން މީހާއަށް 100 ޑޮލަރު ދީ، ބެލެންސް ބޭއްވުމަށް އެދުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. އަންހެން މީހާ އެކަމާ ދެކޮޅު ހެދި ނަމަވެސް ތުހުމަތު ކުރެވޭ މީހާ ވަނީ އޭނާއަށް އިތުރަށް އުނދަގޫކޮށްފައި ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

އޭގެ ފަހުން އަކްރަމް އަނެއްކާވެސް ކެބިން ކްރޫއަކަށް ގޮވާލުމުން އެ ކެބިން ކްރޫގެ ބަދަލުގައި ދިޔައީ އުމުރުން 21 އަހަރުގެ އެހެން ފްލައިޓް އެޓެންޑެންޓެކެވެ. އޭނާއަށް ވެސް އަކްރަމް އުނދަގޫ ކޮށްފައި ވާ ކަމަށް ޝަކުވާ ކޮށްފައި ވެއެވެ. ފްލައިޓުގައި އޭނާ ތިން ފަހަރު ގޮނޑިން ތެދުވެ، ކޮންމެ ފަހަރަކު ވެސް ކެބިން ކްރޫއިންނަަށް ގޮވާފައި ވެއެވެ.

ފްލައިޓް ޖެއްސުމުގެ ކުރިން ކެބިން ކްރޫންގެ ފަރާތުން ވަނީ އެކަން ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ ސަމާލުކަމަށް ގެނެސްފައެވެ. އެހެންކަމުން، އޭނާ ފްލައިޓުން ފޭބުމާ އެކު، އިންޑިއާގެ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ އިސް އޮފިސަރަކު އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށް ދެއްވަމުން ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އަކްރަމް އާ ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އެއެއާލައިންގެ މުވައްޒަފުންނަކީ "ވަރަށް އަޅައިގަންނަ" ސިފަތަކެއް ލިބިފައިވާ ބައެއް ކަމަށާއި އެހެން ކަމުން އެމީހުން ގާތުގައި އެހީއަކަށް އެދުނީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.