ސޯވިއެޓް ޒަމާނަށް ފަހު، 47 އަހަރު ފަހުން ހަނދަށް ދިޔަ ރަޝިއާގެ އުޅަނދު ތިރިކުރަން އުޅުމުގެ ތެރޭގައި ވެއްޓި ގޮވައިފިއެވެ.
ރަޝިއާގެ ސްޕޭސް ކޯޕަރޭޝަން، ރޮސްކޮސްމޮސް އިން ބުނީ، އުޅަނދު ހަދުގައި ޖެއްސުމާ ގާތްވެފައި ވަނިކޮށް ޖީއެމްޓީ ގަޑިން މިއަދު 11:57 ގައި އެ އުޅަނދާ ގުޅުން ކެނޑިފައި ވާ ކަަމަށެވެ.
އޭތި ވެއްޓި ގޮވީ ކަމަށް ނިންމާފައި ވާއިރު ޕްލޭން ކޮށްފައި އޮތް ގޮތަށް ދިޔަނަމަ މާދަމާ އަކީ 'ލޫނާ 25' ގެ ނަމުން ނަންދީފައި ވާ އެ އުޅަނދު ހަނދުގައި ޖައްސާނެ ދުވަހެވެ.
ރޮސްކޮސްމޮސް އިން ބުނީ، އުޅަނދާ ގުޅުން ކެނޑި އޭތި އޮންނަންވީ މިސްރާބު ކަސިޔާރުވެ ހަނދުގެ ބިމުގައި ޖެހި ގޮވާފައި ވާކަމަށެވެ.
މި ކަަން ހިނގައި ދިޔަ ގޮތް ބެލުމަށް މިހާރު ހާއްސަ ކޮމިޓީއެއް އެކުލަވާލާފައި ވާ އިރު، މިއީ ހަނދަށް ދިޔުމުގެ ރޭހަށް ވަނުމަށް ރަޝިއާއިން ކުރި މަސައްކަތުގައި ޖެހުނު ބޮޑު ލައްގަނޑެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.
ސޯވިއެޓް ޒަމާނުގައި ރަޝިއާ އަކީ، ސްޕޭސް ޓެކްނޮލިޖީގައި އެހެން ގައުމުތަކާ ވާދަ ކުރި އަދި ދުނިޔޭގެ އޯބިޓަށް އެންމެ ފުރަތަ ސެޓެލައިޓެއް އެރުވި ގައުމުގެ ޝަރަފުވެސް އޮތް ގައުމެކެވެ. 1957 ގައި އެރުވި އެ ސެޓެލައިޓަކީ 'ސްޕްޓްނިކް 1' އެވެ. ހަމަ އެއާއެކު ސްޕޭސް އަށް އެންމެ ފުރަތަމަ ދަތުރު ކުރި އިންސާނާގެ ލަގަބުވެސް އޮންނަނީ ސޯވިއެޓް ޔޫނިއަން އަށެވެ. އެއީ ރަޝިއާ އަށް ނިސްބަތްވާ ޔޫރީ ގަގާރިންއެވެ. އޭނާ ސްޕޭސް އަށް ދިޔައީ 1961 ގައެވެ.
1976 އަށް ފަހު ރަޝިއާއިން ހަނދަށް ދިޔުމުގެ އެއްވެސް މިޝަނެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މިހާރު ޔޫކްރައިން އާ ދެކޮޅަށް ފަށާފައި ވާ ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ދަތިރކުރުމުގެ ފިޔަވަޅުތަކާއެކު، 2 ޓްރިލިއަން ޑޮލަރުގެ އިގްތިސޯދެއް އޮތް ރަޝިއާ އަށް ގިނަ ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ.
ރަޝިއާގެ އުޅަނދު ހަނދަށް ވެއްޓުނު އިރު އިންޑިއާ އިން ހަނދަށް ފޮނުވި 'ޗަންދްރަޔާން 3' މި ހަފްތާގައި ހަނދަށް ތިރިކުރާނެއެވެ.
އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ބުނެފައި ވާ ގޮތުގައި، ތާވަލާ އެއްގޮތަށް ގޮސްފިނަމަ އެގައުމުގެ އުޅަނދު ހަނދުގައި ޖައްސާނީ އަންނަ ބުދަދުވަހުއެވެ. މިއީ ޗައިނާ، އެމެރިކާ، އަދި ސޯވިއެޓް ޔޫނިއަންގެ އިތުރުން ހަނދަށް ދާ 4 ވަނަ ގައުމެވެ. އިންޑިއާގެ މި ދަތުރުގައި ދުނިޔޭގެ ރެކޯޑް ހެދޭނެ ކަމަށް އުއްމީދު ކުރާ އިރު، އެގައުމުގެ އުޅަނދު ޖައްސަން ނިންމާފައި އޮތީ ހަނދުގެ އަނދިރި ފަރާތަށެވެެ. އެފަރާތަށް އަދި އެއްވެސް ގައުމެއްގެ އުޅަނދެއް ގޮސްފައެއް ނުވެއެވެ.
މިއަދު ވެއްޓި ގޮވި ރަޝިއާގެ އުޅަނދަކީވެސް ހަނދުގެ އަނދިރި ފަރާތަށް ޖައްސަން މަސައްކަތް ކުރި އުޅަނދެކެވެ.