ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ދައުލަތުގެ ފައިސާ އިސްރާފް ކޮށް އެއަށް ހިޔާނާތްތެރި ވެފައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ގެންދަވަނީ ގިނަވައުދުތަކެއް ވެވަޑައިގަންނަމުން ކަމަށް ބައެއް ރައްޔިތުން ބުނާ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ކުރައްވަން ވިދާޅުޥާ ކަންކަމަކީ އެ ރަށަކާ ބަލައި މާ ގިނަ ވައުދެކެއް ނޫން ކަމަށެވެ. އަދި ވައުދު ގިނަވާކަމަށް ބައެއް ރައްޔިތުންނަށް ފެންނަނީ، އެކި ވެރިން ވައުދުވެފައި އެ ކަންކަން ނުކޮށް ގިނަ ދުވަސް ވުމުން ކަމަށެވެ.

އެ ކަންކަން ކުރެވޭ ވަރަށް ދައުލަތަށް ފައިސާ ވަންނަ ކަމަށާއި ކަންކަން ނުވަނީ އެ އާމްދަނީ އިސްރާފު ކުރާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން 5 އަހަރު ދައުލަތުގެ ފައިސާ އިސްރާފުކޮށް އެއަށް ހިޔާނާތްތެރި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި އެތައް ބިލިއަން ރުފިޔާ ގެއްލުވާލައިފައި ވާއިރު އެ ފައިސާއަށް ވީ ގޮތް އަދިވެސް ބުނެނުދޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާއިން ރަނގަޅު ގޮތުގައި ހަރަދު ކުރާނަމަ އޭނާ ވައުދުވެވަޑައިގެން ކަންކަން ކުރެއްވޭނެ ކަމަށެވެ. އަދި ބޮޑެތި މަޝްރޫއުގެ ވާހަކަތައް ދައްކަވާފައި ވާނީ އެއީ އެކަމާ ގުޅޭ ކުންފުނިތަކުން އިންވެސްޓް ކޮށްގެން ނޫނީ ލޯނުނަގައިގެން ކުރެވެން ހުރި ކަންކަން ކަމަށްވާތީ ކަމަށެވެ.

ކުރަން އެނގިވަޑައި ނުގަންނަވާ ކަންކަމުގެ ވާހަކަ އަދި ނުކުރެވޭނެ ކަންކަމުގެ ވާހަކަ ނުދައްކާނެކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ބަހާ އަމަލާ ދިމާވާނެ ކަމަށެވެ. އަދި ރައްޔިތުން ހައްދަން ބޭކާރު ވާހަކަ ނުދައްކަވާނެ ކަމަށްވެސް އޭނާ ވަނީ ވިދާލުވެފައެވެ. ހިޔާލު ތަފާތުވާ ފަދަ ވަގުތުތަކުގައި ވެސް ރައްޔިތުންގެ ވާހަކަ އަޑުއައްސަވާ ކޮށްދެވެން ހުރި ކަންކަން ކޮށްދޭނެ ކަމަށާއި ކަންކަމާ ކުރިމަތިލައްވައި މީހުންގެ އަޑުއެއްސެވުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.