އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި އުމުރުން 35 އަހަރުގެ މީހަކު، ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި 10 އަހަރުގެ ޖަލުހުކުމެއްގައި ހުރެ މިނިވަންވެ ނިކުމެ އަނެއްކާ ކުޑަކުއްޖަކު ރޭޕްކޮށްލައިފިއެވެ.

ރާކޭޝް ވަރުވާ ނަމަކަށް ކިޔާ މީހާ، އެންމެ ފުރަތަމަ ޖަލަށްލީ 4 އަހަރާއި ބައިގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައެވެ. އެފަހަރު އޭނާ 10 އަހަރަށް ޖަލަށް ލި ނަމަވެސް އަހުލާގު ރަނގަޅުކަމުން ހުކުމުގެ ބާކީ 3 އަހަރު އޮއްވާ ވަނީ މިނިވަން ވެފައެވެ.

ޖަލުން ދޫކޮށްލިތާ އަހަރެއްހާ ދުވަސް ނުވެ ހަމަ އެ އުމުރުގެ ކުއްޖަކު ހައްލާލައިގެން ތަނަކަށް ގެންގޮސް ރޭޕްކޮށްލީއެވެ.

މަދްޔަ ޕްރަދޭޝްގެ ސިޓީ ސްޕްރިންޑެންޓް އޮފް ޕޮލިސް (ސީއެސްޕީ) މަހެންދްރަ ސިންގް ޗޯހާން ވިދާޅުވީ، އެ ހާދިސާ ހިނގީ ބުދަދުވަހު ކަމަށާއި، ކުއްޖާ ފެނުނު އިރު އޮތީ ރޭޕް ކޮށްލާފައި ކަމަށެވެ. އެކުއްޖާއަށް ފަސްޓް އެއިޑް [ފުރަތަމަ އެހީ] ދިނުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާއަށް ބޮޑު ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމަށް ވެސް ބުނެއެވެ.

މި މައްސަލާގައި ކުއްޖާ ރޭޕް ކުރި މީހާ މިހާރު ހައްޔަރު ކޮށް މައްސަލަ ތަހުގީގު ކުރަމުން ދާއިރު ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެމުން ޗޯހާން ވިދާޅުވީ، ކުށް ކުރި މީހާގެ ގެ ބުލްޑޯޒަރުން ތަޅާލަން ޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

އިންޑިއާގެ އެކި ސްޓޭޓްތަކުގައި ކުށްވެރިންނަށް ދޭ އަދަބެއްގެ ގޮތުން، ކުށް ކުރާ މީހާ ދިރިއުޅޭ ގެ ބުލްޑޯޒަރުން ތަޅާ ސުންނާފަތި ކޮށްލުން އޮވެއެވެ. ދާދިފަހުންވެސް ވަނީ، އިންޑިއާގެ އާދައިގެ ނިކަމެތި ނަސްލެއްގެ މީހެއް ގަޔަށް ކޮޅަށް ހުރެ ފަހަރުވާ ލީ މީހެއްގެ ގެވެސް ތަޅާލާފައެވެ. އަދި އިންޑިއާގެ ނޫހުގައި ދާދިފަހުން ހިންގި ހަމަނުޖެހުމަކާ ގުޅިގެން ނޫހުގައި ވަޒަންވެރިވެގެން ތިބި މީހުންގެ ޖިފުޓިތަކާއި ގެތައްވެސް ވަނީ ތަޅާލާފައެވެ.