މުސްލިމުންގެ ބައިގިނަ ޕާކިސްތާންގައި އިސްލާމްދީނަށް ތައުހީން ކުރިކަމަށް ބަލައި އެގައުމުގައި ހުންނަ ނަސޯރާ ފައްޅިތަކުގައި ރޯކޮށް އަންދަން ފަށައިފިއެވެ.
ހަބަރުތައް ބުނާގޮތުން މިހާތަނަށް 8 ފައްޅިއެއް އަންދާލައި އާންމު ބައެއް މީހުންގެ ގެދޮރުގައި ރޯކޮށް އާންމުންގެ ބައެއް މުދަލުގައިވެސް ވަނީ ހުޅުޖަހާފައެވެ.
މި ހަމަނުޖެހުން ހިނގަމުން ދަނީ އާބާދީ އެންމެ ބޮޑު ޕަންޖާބުގައި މުސްލިމުންނާއި ބައިމަދު ނަސޯރާއިންނާ ދެމެދުގައެވެ.
އެގައުމުގެ ފުލުހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، އެހާދިސާ ހިނގަން މެދުވެރިވީ ނަސޯރާއިންގެ ދެމީހަކު ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތާ ރަސޫލާ އަށް ފުރައްސާރަ ކުރުމުންނެވެ.
އެ ދެމީހުން މިހާރު ހައްޔަރު ކޮށްފައި ވާއިރު ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކުރީ ދީނަށް ތައުހީނު ކުރުމާ ދެކޮޅަށް ހަދާފައި އޮންނަ ގާނޫނުގެ ދަށުން ކަމަށެވެ.
މި ކަމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި މުސްލިމުން ނުކުމެ ޗާޗް ތަކުގައި ރޯކޮށް އަންދާލުމުގެ އިތުރުން، ނަސޯރާއިން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ގެތަކާއި ތަކެއްޗަށް ގެއްލުން ދީ އެތާނގައިވެސް ހުޅުޖަހާފައެވެ.
މި ހަމަނުޖެހުން ހުއްޓުވުމަށް މިހާރު ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން ދާއިރު، ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އައްޔަން ކުރި ވަގުތީ ބޮޑުވަޒީރު އަންވާރުން ހައްގު ކަކާރު ވަނީ އެ ހާދިސާ ކުށްވެރިކުރައްވާފައެވެ.
ޕާކިސްތާނަކީ ދީނަށް ތައުހީން ކުރުމުގެ މައްސަލައިގައި ސީދާ މަރުގެ އަދަބު ދޭ ގައުމެކެވެ. ދާދި ފަހުން ވަނީ އެގައުމުގައި މަސައްކަތް ކުރާ ޗައިނާ މީހަކު، އިސްލާމް ދީނަށް ތައުހީން ކުރިކަމަށް ބަލައި އޭނާގެ ގައިގައި ތަޅައިގަނެ މާރާމާރީވެސް ހިންގާފައެވެ. އެމީހާ އަކީ ޕާކިސްތާނުގައި ޗައިނާއިން ކުރިއަށް ގެންދާ މަޝްރޫއެއްގެ ސައިޓް މެނޭގަޖަރަށް ހުރި މީހެކެވެ. އޭނާ ޝަކުވާކުރި ކަމަށް ވަނީ، މަސައްކަތު ގަޑީގައި ބަންގި ގޮވުމުން މީހުން ނަމާދަށް ގޮސް އަންނަލެއް ލަސްވެގެންނެވެ.
2013 ވަނަ އަހަރުވެސް މިފަދަ ހާދިސާއެއް އެގައުމުގައި ހިނގާފައި ވެއެވެ. އެފަހަރު ލާހޯރުގައި 100 ގެއެއްގައި އަލިފާން ޖެހިއެވެ. އޭގެ ކުރިން ޕަންޖާބަށް ނިސްބަތްވާ 5 ކުދިންގެ މަންމަ އަކު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއްގައި ދަންޖައްސާ މަރަން ހުކުމް ކުރިއެވެ. ނަމަވެސް ކޯޓު މަރުހަލާގައި ހިންގި ޝަރީއަތަށް ފަހު 2018 ގައި އޭނާ ވަނީ މިނިވަން ވެފައެވެ.