ޖަލު އަދަބުގެ ލުޔެއްގެ ގޮތުގައި ކުރި ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާތީ، އދ. ހަންޏާމީދޫ، ވިލާޑީލައިޓް އަހްމަދު މަތީން އަލުން ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން އެ މީހާގެ މައްޗަށް އިއްވި ޖަލު ހުކުން ލުއިކޮށް 41،000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި މި ފައިސާ 10 މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެހެންނަމަވެސް އެ ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓަށް ވަނީ އެ މައްސަލަ ހުށަހަޅާފައެވެ. ޕީޖީ އިން ހުށަހެޅި މައްސަލަ އާއި ގުޅިގެން މަތީން ބުނީ އެ ޖޫރިމަނާ ފައިސާ ނުދެއްކި އޮތީ އެކަން ކުރުމަށް އެއްވެސް އިދާރާއަކުން އޭނާއަށް އަންގާފައި ނުވާތީ ކަމަށެވެ. އަދި ކޯޓުން ނިންމި ނިންމުމުގެ އެއްވެސް ލިޔުމެއްވެސް ލިބިފައި ނުވާކަން ފާހަގަކޮށް މަތީން ވަނީ އަލުން އިތުރު ފުރުސަތެއް ލިބިއްޖެނަމަ އެ ފައިސާ އަލުން ދައްކާ ހަލާސް ކުރާނެކަމަށް ބުނެފައެވެ.

މި ވާހަކަތަކާ ގުޅިގެން ކޯޓުން ބެލިބެލުމުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މަތީން އާއި ހަވާލުކޮށްފައިވާކަން 'ޝަރީއަތް ނިމުނު ގޮތް ހަވާލުކުރާ ސްލިޕުން' އެގެން އޮތްކަމަށް ކޯޓުން ވަނީ ބުނެފައެވެ. އަދި ޕީޖީގެ ވާހަކައާއި މަތީންގެ ވާހަކައަށް ރިއާޔަތްކޮށް ކޯޓުން ވަނީ އެ ފައިސާ ދައްކާފައިނުވާކަން ސާބިތުވާކަމަށް ބުނެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ ނުދައްކާ ޖޫރިމަނާގެ އަދަބު އަލުން ޖަލު ހުކުމަކަށް ބަދަލުކުރުމަށް ހުކުމްކޮށްފައެވެ.