މިހާރު އޮލިމްޕަހުގައި އަޅުވާފައި އޮތް ދިވެހި ފިލްމު "ނީނާ" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ މި ފިލްމުގެ އިތުރު ޝޯތަކެއް އަޅުވަން ނިންމައިފިއެވެ.

އައިފިލްމްސް އިން ބުނީ "ނީނާ" ފިލްމު އަންނަ ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހުގެ ރޭ ދެފަހަރު އޮލިމްޕަހުގައި އަޅުވާނެ ކަމަށެވެ. އެއީ 20:30 ގެ ޝޯ އަކާއި 11:30 ގެ ޝޯއެކެވެ. އާންމުގޮތެއްގައި މި ފިލްމު އޮލިމްޕަހުގައި އަޅުވަމުން އަންނަނީ 20:30 ގައެވެ. ބްރޭކް އަކާއި ނުލައި އަޅުވާ މި ފިލްމަކީ މި އަހަރު ސިނަމާއަށް ގެނައި އެންމެ މޮޅު ފިލްމެވެ. ފިލްމުގެ ޓީމުން ބުނީ ޝޯ އިތުރު ކުރީ ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބެލުމަށްފަހު ގިނަ ބަޔަކަށް ފިލްމު ބެލުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ބެލުންތެރިންގެ އުންމީދަށް ވާސިލްވި ދިވެހި ފިލްމު "ނީނާ" އަކީ ވަރުގަދަ އަންހެން ފަހުލަވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި މަސް ނިމެންދެން މި ފިލްމު އޮލިމްޕަހުގައި އަޅުވާނެއެވެ. ފިލްމުގެ ލަވައެއް ކަމަށްވާ "އާ އުންމީދު" ވަނީ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގެ ޅެމަކީ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ހަދާފައިވާ ޅެމެކެވެ.

2019 ވަނަ އަހަރު އޮލިމްޕަސް ސްކްރީނަށް ގެނެސްދިން "ބަވަތި" ވެސް ޑައިރެކްޓްކޮށް ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު ޑައިރެކްޓްކުރާ މި ފިލްމަކީ ނުޒުހަތު ޝުއައިބު (ނުޒޫ) ލީޑު ރޯލުން ފެނިގެންދާ ފިލްމެވެ. ނުޒޫ އާއެކު މި ފިލްމުގައި ދެން ފެނިގެންދާނެ ލީޑު ތަރިއަކީ ޝަރަފް އަބްދުﷲއެވެ. މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ.