އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލާ، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ގުޅޭގޮތުން އެ މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނެތި ބައެއް ކުންފުނިތަކުން ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ގެންދާކަން އެ މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ އުސޫލުގެ މަތިން އެ މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ވިޔަފާރި އުސޫލުން އެއްވެސް ކުންފުންޏަކުން އެއްވެސް ބަޔަކު އުމްރާއަށް ގެންދިޔުމަކީ މަނާކަމެއް ކަމުގައިވެސް ބުނެއެވެ.
އެ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަދެވޭނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވާ އިރު، ހުއްދަ ނެތި ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ ވެސް އެ އުސޫލާ ހިލާފު ކަމެއް ކަން އިސްލާމިކް މިނިސްޓްރީ އިން ވަނީ ފާހަގަ ކޮށްފައެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފައި ވާއިރު އެ އުސޫލުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނުނަގާ ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިޔުމަށާއި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތް ކުންފުންޏަަކަށް އެއްވެސް ފަރާތަކުން އުމްރާގެ އަޅުކަމަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ އިލްތިމާސް ވެސް ކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީގެ އެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަމުން އެ މިނިސްޓްރީ އިން ބުނީ އެ އުސޫލާ ހިލާފަށް އަމަލު ކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަން ވާނީ އެ ފަރާތަކުންކަން ކަމަށެވެ.
އުމްރާއަށް ހުއްދަ ދީފައިވާ ކުންފުނިތައް އަދި އެ ކުންފުނިތަކަށް ހުއްދަދީފައިވާ މުއްދަތު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ބަލަލައިލެވޭނެއެވެ.