ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލެއް ގެނެސް އެންމެ ފުޅާ މިނުގައި އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދަދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ އެއްވެ އުޅުމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ހައްގެއް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީއަށް ބަދަލު ގެންނަވައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރެއިން، އިސްލާމީ ޝަރީއަތް ތަންދޭ އެންމެ ފުޅާ މިނެއްގައި އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯއްދަވައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ޕީއެންސީގެ ސަރުކާރެއްގައި ރައްޔިތުންގެ ފާޅު ކުރަން ބޭނުންވާ ހިޔާލު ފާޅު ނުކުރެވިގެން އުޅެން ނުޖެހޭނެ ކަމަށާއި ރައްޔިތުން ކަމަކާ ކަންބޮޑުވާނަމަ އެކަމެއް، އެ ހިޔާލެއް، ފާޅު ކުރަން ޖެހޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އައްސަވާނެ ކަމަށާއި އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ އަޑު އައްސަވައިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އޭނާއަކީ ހަމައެކަނި ކެމްޕެއިންގައި ގޭގެއަށް ޒިޔާރަތް ކުރެއްވުމަށް ފަހު ފިއްލަވާ ބޭފުޅަކަށް ނުވާނެ ކަމަށެވެ. ވެރިކަން ލިބިވަޑައިގެން ނަމަވެސް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ ހާލަތު އެންމެ ބޮޑަށް އެނގޭނީ ރައްޔިތުންގެ ގާތަށް ގޮސްގެން ކަމަށެވެ. އެ ކަމުގެ ހެއްކެއްގެ ގޮތުން މާލެ ސިޓީގެ މޭޔަރުގެ މަގާމު ލިބިވަޑައިގެންނެވި ފަހުން ވެސް ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރައްވަމުން ގެންދަވާކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ވަކި ޕާޓީއަކަށް ވީތީ ޕީއެންސީގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެ ކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ވެރިކަމަށް އަންނަނީ ވަކި ޕާޓީއެއްގެ ބަޔަކަށް ވެރިކަން ކޮށްދިމަށް ނޫން ކަމަށެވެ. އަދި ހިދުމަތް ދިނުމުގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަވާނެ ކަމަށާއި ބަދަލު ހިފުމުގެ ރޫހު ދޫކޮށް، ރާއްޖެއަށް ހަމަޖެހުން ގެންނަން ޖެހޭ ކަމަށާއި ހަމަޖެހުން ގެނެވޭނީ ރައްޔިތުންގެ ވިސްނުން ތަރައްގީ ވެގެން ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހއ. ކެލާގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށާއި މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމާއި، އެ ރަށު ފަޅުގައި ރިސޯޓެއް ގާއިމް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެެވެ. ރިސޯޓެއް ގާއިމް ކުރެއްވުމަށް މުއިއްޒު ވައުދު ވެވަޑައިގެންފައި ވާއިރު އެ ރަށު ތުނޑި ވަނީ ރިސޯޓެއް ގާއިމް ކުރުމަށް ހިނގަމުން ދާ ސަރުކާރުގައި ކުއްޔަށް ދީފައެވެ.
އެއްވެއުޅުމުގެ ފައިދާނެގީ އެހެންމީހެއް. ފައިވާން ހަލާކުވީ އެހެނަބައެއް. ދިވެހިން މިހާރު ބޭނުމެއްނުވޭ ތިސަކަރާތް ޖަހާކަށް.