އަންނަ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ މާލޭގެ މޭޔަރު އަދި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ހއ. ކެލަ އަށް ވަޑައިގެންނެވި އިރު އިހުތިޖާޖު ކުރަން ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ސަލާމް ކުރައްވައިފިއެވެ.
އާންމު ގޮތެއްގައި ރަށްރަށަށް ސިޔާސީ ލީޑަރުން ވަޑައިގެންނެވުމާ ދިމާކޮށް، އެ ބަޔަކާ ދެކޮޅު ޕާޓީތަކުން އިހުތިޖާޖު ކުރަން ނުކުމެ ހިޔާލު ފާޅުކުރެއެވެ. ގިނައިން ފެންނަނީ ސިޔާސީ ލީޑަރުން އިހުތިޖާޖުގެ ބައިވެރިންނާ ދުރުދުރުން އުޅުއްވާ މަންޒަރެވެ.
ނަމަވެސް މިއަދު ފެނުނީ އެއާ ތަފާތު މަންޒަރެކެވެ. ފެނުނީ މުއިއްޒު ކެލަ އަށް ވަޑައިގަތުމުން އެ ރަށުގެ ބަނދަރުމައްޗަށް އެއްވެ އިހުތިޖާޖު ކުރަން ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ މުއިއްޒު ހިނިތުންވުމާ އެކު ސަލާމްކުރެއްވި މަންޒަރެވެ. ސޯޝަލް މީޑިއާގައި މުއިއްޒުގެ ވީޑިއޯ ވެސް ވަނީ އާންމުވެފައެވެ.
މުއިއްޒު ދެއްކެވި މި ނަމޫނާ އަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހުން ވެސް ދަނީ ތައުރީފް ކުރަމުންނެވެ.
މިއަދު ހެނދުނު ކެލަ އަށް ކުރައްވާ ދަތުރަށް ފަހު މުއިއްޒު ދެން ވަޑައިގަންނަވާނީ ބާރަށަށެވެ.