ޕާކިސްތާންގެ ބަލޯޗިސްތާންގައި މަސައްކަތް ކުރާ ޗައިނާ މީހުންގެ ވަފުދަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާ ދީފިއެވެ.

މި ހަމަލާގައި ވަފުދުގެ މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް މިއީ، ޕާކިސްތާންގައި ތިބޭ ޗައިނާ މީހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.

ބަލޯޗިސްތާންގެ ގަދަވާރު ޕްރޮވިންސްގެ ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޗަކަރު ބަލޯޗް ވިދާޅުވީ، އެ ހަމަލާ ދިނީ ހަތިޔާރު އަޅައިގެން ތިބި 2 މީހުން ކަމަށާއި ފުލުހުންގެ ރައްދު ހަމަލާތަކުގައި އެ ދެމީހުންވެސް މަރާލެވިފައި ވާ ކަމަށެވެ.

މި ހަމަލާގެ ޒިންމާ، ބަލޯޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ އުފުލާފައެވެ.

އެ ޖަމާއަތުން ހަމަލާ ދިން ވަފުދަކީ، ގަދަވާރުގައި ބަނދަރެއް ހެދުމުގެ މަސައްކަތް ކުރާ ޗައިނާގެ ޓީމުގައި ހިމެނޭ އިންޖިނޭރުންގެ ވަފުދެކެވެ.

ހަބަރުތައް ބުނާގޮތުން މިހަމަލާ ދީފައިވަނީ، އެ ސަރަހައްދުގައި ޓެރަރިސްޓުން ހަރަކާތްތެރިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޒާރު ކޮށްފައި ވަނިކޮށެވެ.

ޓެރަރިސްޓުންގެ އަތުގައި ކުދި ބަޑިއާއި ގޮވާތަކެތި ހުރި ކަމަށް ވެސް އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނުގައި ބުނެފައި ވެއެވެ.

މިހާރު ހަމަލާދިން ސަރަހައްދު ބަންދުކޮށް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ސަލާމަތީ އޮފިޝަލުން ފަށާފައި ވާ ކަމަށް ވެސް ބުނެއެވެ.

މި ހަމަލާގެ ވާހަކަ ހާމަ ކުރަމުން ޗައިނާ ސަރުކާރުގެ މީޑިއާ، ގްލޯބަލް ޓައިމްސް އިން ބުނީ، ޖުމްލަ 23 އޮފިޝަލުން ދަތުރު ކުރި ކަމަށާއި އެ މީހުން ދަތުރު ކޮށްފައި ވަނީ ވަޒަން ނާރާ 3 އެސްޔޫވީ އާއި ވޭނެއްގައި ކަމަށެވެ.

ހަމަލާ ދިން ސަރަހައްދަކީ، ޕެކް-ޗައިނާ ޓެކްނިކަލް އިންސްޓިޓިއުޓާއި ސަރުކާރުގެ ބައެއް އޮފީސްތަކާއި ޖުޑީޝަރީގެ އިމާރާތެއްވެސް ހުންނަ ސަރަހައްދެކެވެ.

ހަބަރުތައް ބުނާގޮތުން، ހަމަލާތައް ވިއްސަކަށް މިނެޓަށް ދިގު ދެމިގެން ދިޔައެވެ. އެއާއެކު އެސަރަހައްދުގައި ހުރި ބައެއް ފިހާރަތަކުގެ ޝަޓަރު ލައްޕާ އާންމުން ވަނީ ބިރުން ފިލާފައެވެ.

ގަދަވާރުގައި ތަރައްގީ ކުރަމުން ދާ ބަނދަރަކީ، ޗައިނާގެ މާލީ އެހީގައި އެގައުމުގެ ރައްޔިތުން މަސައްކަތް ކުރާ ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއު ހިނގާ ބަލޯޗިސްތާން ސިޓީ އަކީ އީރާނާއި އަފްގާނިސްތާނާ އިންވެގެން އޮންނަ، ގުދުރަތީ ބައެއް މައުދަން ކަމަށް ވާ ޒިންކާއި، ކޮޕާ އަދި ގުދުރަތީ ގޭހުން މުއްސަނދި ސަރަހައްދެކެވެ.