ޔޫކްރައިން ހަނގުރާމައިގެ މިއީ ހައްސާސް ވަގުތެއް ކަމަށާއި މިވަގުތު ހަނގުރާމައިގެ ކަންކަމާ ގުޅޭ ރެކްރޫޓުމަންޓުގައި އިސްކޮށް ހަރާކްތެރިވާ ވެރިންގެ ފަރާތުން ކޮރަޕްޝަންގެ އަމަލުތައް ފެނުން ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވެ، ރެކްރޫޓްމަންޓުގައި ތިބި ހުރިހާ އިސްވެރިން ވަކި ކުރައްވައިފިއެވެ.

އެއީ ކިތަން ވެރިންކަން ސާފު ނުވި ނަމަވެސް އެވެރިންގެ މައްޗަށް ޖުމްލަ 112 ތުހުމަތެއް ކުރެވޭ ކަމަށާއި އޭގެތެރޭގައި ހަނގުރާމައިގެ ވަގުތުގައި ގައުމުން ބޭރަށް ދިޔުން މަނާކޮށްފައި ވާ ބައެއް ފަރާތްތައް ހަނގުރާމައިގެ މައިދާނަށް ފޮނުވުމާއި، ރިޝްވަތު ހިފުމާއި، އަސްކަރީ ހިދުމަތަށް މީހުން ނެގުމާއި، ނުހައްގުން ނުވަތަ ނަހަމަގޮތުގައި ހޯދާފައިވާ ފައިސާ ދޮވުން [މާލީ ނިޒާމުގެ ތެރެއިން ހުއްދަކުރުން] އާއި ގާނޫނާ ހިލާފަށް އެތައް މަންފާއެއް ހޯދުން ހިމެނެއެވެ.

ޒެލެންސްކީ ވިދާޅުވީ، ސިސްޓަމް [ސަރުކާރު] ހިނގަން ވާނީ، ހަނގުރާމަ އަކީ ކޮބައިކަން އެނގޭ ވެރިން ތިބެގެން ކަމަށާއި ހަނގުރާމައިގެ ހާލަތެއްގައި އަމިއްލަ އެދުމާއި ރިޝްވަތު ނެގުމަކީ ގައުމަށް ޣައްދާރުވުން ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، މި ސިސްޓަމުގައި ތިބެން ޖެހޭނީ އަމިއްލަ އެދުމެއް ނެތް، އަދި ހަނގުރާމަ އަށް ގޮސް ލިބޭ ޖިސްމާނީ އަނިޔާއެއްގެ ސަބަބުން ނުކުޅެދިފައި ތިބި މީހުންނާއި ގައުމަށްޓަކައި ޝަރަފާއި އިއްޒަތުގައި ހަނގުރާމަ ކުރާ މީހުން ކަމަށެވެ.

އެހެން ކަމުން، ކޮނޑު މައްޗަށް ބަރިބަރިއަށް ފަށް އަރާފައި ތިބި އެހެނަށް އަމިއްލަ މަންފާއަށް ކަންކުރާ ހުރިހާ އޮފިސަރުން ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މިއީ މި އަހަރުގެ ޖެރުއަރީން ފެށިގެން ކޮރަޕްޝަނާ ދެކޮޅަށް ޒެލެންސްކީ ފައްޓަވައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ދަށުން އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރި 3 ވަނަ ފަހަރެވެ. މީގެ ކުރިން ޑެޕިއުޓީ ޑިފެންސް މިނިސްޓަރުވެސް ވަނީ މިފަދަ ތުހުމަތު ތަކެއްގައި މަގާމުން ވަކިކުރައްވާފައެވެ.