އެމެރިކާގެ ޓޫރިސްޓް ސްޓޭޓެއް ކަމަށް ވާ ހަވާއީގެ މައުއީ އަނދާ ހުލިވެ 65 މީހަކު މަރުވެފައި ވާ އިރު ނުފެންނަ 100 އެތައް މީހަކު އަދިވެސް ވެއްޖެއެވެ.

ހާދިސާގައި ސަލާމަތް ވި ބައެއް މީހުން ބުނީ، އެމީހުން ގޭގޭގައި ތިއްބާ އަލިފާންގަނޑު އައިސް ވަށާލީ ކަމަށާއި، ސަލާމަތް ވާން ދޭނެ ކޮޅެއް، ތަނެއް ނެތި ބެދެމުން ދިޔަ ކަމަށެވެ. އަވަށުގެ ތެރެއިން މައި މަގަށް ނުކުމެވެން ލިބުނީ މަދު ވަގުތުކޮޅެއް ކަމަށާއި، ސަލާމަތް ވި ގިނަ މީހުން ސަލާމަތްވެފައި ވަނީ ކައިރީގައި އޮތް މޫދަށް ފޭބޭގޮތް ވުމުން ކަމަށެވެ.

ބާރު ވަޔާއެކު މައުއީ އަށް އަރައިގެން އައި އަލިފާންގަނޑު އައީ މުޅިތަން ފަނާކޮށްލާ ސިފައެއްގައި ކަމަށް ބައެއް މީހުން ބުނި އިރު އަނެއް ބަޔަކު ބުނީ، ހިތަށް ވެރިވީ ދުނިޔެ ގިޔާމަތް ވަނީ ކަމަށެވެ.

ސަލާމަތްވި ބައެއް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭން 3 ސަރަހައްދެއް ކަނޑައަޅާފައި ވާ އިރު، އޮފިޝަލުން ގެންދަނީ، އަނދާ ހުލިވެފައި އޮތް އަވަށުން ދިރިހުރި ފުރާނައެއް ފެނޭތޯ އަތް ފުނާ އަޅަމުންނެވެ. ދުވަސްވީ ތާރީހީ އިމާރާތްތަކާއި، ލައިބްރަރީތަކާއި މައުއީގެ އާންމުން އެގަހެއްގެ ހިޔާވަހިކަން ހޯދާ އަދި ނަސީނު ކަމުގައި ދެނޭ ބޮޑު ނިކަގަސް ވެސް ވަނީ އަނދާފައެވެ.

މައުއީ - މޫދާ ދިމާއިން ފެންނަން އޮންނަ ގޮތް

އޮފިޝަލުން އަންދާޒާ ކުރާ ގޮތުގައި ލިބުނު ގެއްލުން 100 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެއެވެ.

މިހާރު މާއުއީ އޮންނަ ލުހައިނާ އަށް ވަންނަން ބައެއް އާންމުންނަށް ފުރުސަތު ދެމުން ދާ އިރު، އެމީހުންނަށް އެ ސިޓީއަށް ވަދެވޭނެނީ އެމީހަކު އެ ސިޓީގެ ރައްވެއްސެއްކަން ސާބިތުކޮށްދޭ ލިޔެކިޔުން ދެއްކުމުން ކަމަށް އޮފިޝަލުން ބުނެއެވެ.

މީޑިއާތަކާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ، އެމީހުން ގެދޮރު ދޫކޮށް ނުކުތީ އުނުގައި އޮތް އަންނައުނާ އެކީ ކަމަށާއި، ލިޔެކިޔުމެއް ވިޔަސް އެހެން އެއްޗެއް ވިޔަސް ގެއާއެކު އަނދާ ދިޔައީ ލޯ ކުރިމަތީގައި ކަމަށެވެ. އެހެން ކަމުން ރަށްވެހިކަމުގެ ލިޔުން ހޯދާނެ ގޮތެއް ނޭނގޭ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

އަނދާ ދިޔަ މައުއީގައި ކަރަންޓެއް، ފެނެއް، ނެޓެއް، ނެޓްވޯކެއް ނެތެވެ. މުޅި ދުނިޔެއާ ގުޅުން ކެނޑިފައި ތިބި ހާލެއްގައި ގިނަ ބަޔަކު ތިބި އިރު، ލުހައިނާ ގެ ތެރެއިން މައުއީ އަށް ދެވެން އޮންނަ ހަމައެކަނި ހައިވޭ ވަނީ ވެހިކަލްތަކުން ފުރި ބާރުވެފައެވެ.

ކޯސްޓް ގާޑުގެ އޮފިޝަލުން ބުނީ، އަލިފާނުން ސަލާމަތްވާން ގިނަ ބަޔަކު މޫދަށް ފުންމާލި ކަމަށާއި، އޭގެ ތެރެއިން ގިނަބަޔަކު ކޯސްޓް ގާޑުގެ އުޅަނދުތަކަށް ނަގާފައި ވާ ކަމަށެވެ.

މައުއީ ކުރިން އޮންނަ ގޮތް (މަތީގައި) އަދި އަނދާފައި އޮތް ގޮތް (ތިރީގައި)

"މީހުންތައް މޫދަށް ފުންމަމުން ދިޔަތަން ފެނުނު، އޭގެ ތެރޭގައި 4 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ، ބައެއް މީހުން ގާތަކުގެ މައްޗަށް ވެއްޓި މަރުވެފައި ތިބި" ކޯސްޓް ގާޑުގެ ކެމްޓަނެއް ކަމަށް ވާ ލޫސީ ވިދާޅުވިއެވެ.

ލުހައިނާގެ ގަވަރުނަރު ވިދާޅުވީ، އަލިފާނުގައި 1000 އަށް ވުރެ ގިނަ ގެ އަނދާ ހުލިވެފައި ވާ ކަމަށާއި އަލުން އާރާސްތު ކުރަން ގިނަ އަހަރުތަކެއް ނަގާނެ ކަމަށެވެ.

މައުއީ ހިމެނޭހެން ލުހައިނާ އަކީ އަހަރަކު 2 މިލިއަން ޓޫރިސްޓުން ޒިޔާރާތް ކުރާ ސަރަހައްދެކެވެ.