މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް 2021 ވަނަ އަހަރު ކުރި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތު ކުރެވުނު މައްސަލަ އާއި ގުޅިގެން ޖުނުއަރީ 12، 2021 ގައި ހައްޔަރުކޮށް ކޯޓުން ދައުވާ އުފުލާފައި ވަނީ ހަސަން ލޫތު (ރަންގަލް/ގދ. ތިނަދޫ)، އިސްމާއިލް ޝަރީފް (ވައިޓްރޯސް/ތ.ތިމަރަފުށި)، ޝާނިޔާ އިބްރާހީމް (މ.ހަސްލަތު/ކ.މާލެ)، ހަސަން ރަޝީދު (ފްލެޓް ނަންބަރު 01-ޖީ-45/ހުޅުމާލެ)ގެ މައްޗަށެވެ.

ދައުލަތުން ވަނީ އެމީހުންގެ މައްޗަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. ޕީޖީ އޮފީހުން ބުނީ މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާކުރި ފަހަރުކަމަށެވެ. ޕީޖީ އިން ބުނީ މި މައްސަލައިގައި ފުލުހުން ބަލައި ފާސްކުރި ތަންތަނުން ޖުމްލަ އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަސް ރުފިޔާ ފެނިފައި ވާކަމަށެވެ.

ކްރިމަނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ މި މައްސަލައިގެ އަޑުއެހުމަށް ހެކިވެރިޔާ ޗިޓު ލިބި ކޯޓަށް ހާޒިރުވެފައި ނުވާތީ، ދައުލަތުގެ އެދުމުގެ މަތިން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްފައި ވާއިރު ދައުލަތުން ވަނީ ހެކިވެރިޔާ ހެކިބަސް ދެމުން ގެންދަނީ ދައުވާލިބޭ ފަރާތްތަކަށް ފަހިވާ ގޮތަށް ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ކޯޓަށް ހާޒިރުކުރި ހެކިވެރިޔާއާ ކުރެވުނު ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ވަނި މި މައްސަލައިގައި ހައްޔަރުކުރި ހަސަން ރަޝީދު އަކީ އޭނާ ދަންނަ މީހެއްކަމަށެވެ. މި މައްސަލައިގައި މީގެކުރިން ފުލުހުންނަށް ބަޔާން ދީފައިވާކަން ފާހަގަކޮށް އޭނާ ބުނީ އެ ބަޔާނަކީ އޭނާ އައި ހަސަން ރަޝީދު އާއި ދެމެދު ހިނގާފައިވާ ފައިސާގެ މުއާމަލާތްތަކާ ގުޅިގެން ދީފައިވާ ބަޔާނެއްކަމަށެވެ.

މީގެ އިތުރުން ހެކިވެރިޔާވަނީ ހަސަން ރަޝީދުގެ އަތުން ދެލައްކަ ރުފިޔާގެ ލޯނެއް ނަގިކަމަށް ބުނެފައެވެ. އަދި އެ ލޯނަކީ އަބުރާ ދައްކާއިރު ދެލައްކަ ފަންސާސް ހާސް ރުފިޔާ ދައްކާގޮތަށް ނެގި ލޯނެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ހަސަން ރަޝީދު އާއި އެކު ހަދާފައިވާ ޓްރާންސެކްޝަން ތަކަކީ ހަމައެކަނި ލޯނާ ގުޅޭ އެއްޗެއް ނޫންކަމަށާ ކޮފީތަކުން ދިމާވުމުންވެސް އޭނާ ފައިސާ ޓްރާންސްފާކުރާކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ އެ ފައިސާ އަކީ އެއްވެސް ވިޔަފާރިއެއް ނުވަތަ މަސައްކަތެއްގެ ބަދަލެއްގެ ގޮތުން ޓްރާންސްފާ ކުރާ ފައިސާތޯ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ވަނީ މިހާރު އެކަންކަން މާ ބޮޑަށް ހަނދާނުގައި ނެތް ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ދައުލަތުގެ ހުރިހާ ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު ބާކީ ދެން ތިބި ދެ ހެކިންނަކީ މި މައްސަލައިގައި ދައުވާލިބޭ ދެމީހުންނަށް ވުމާއެކު ގާޒީ ވަނީ އެ ހާލަތުގައި އެ މީހުންނަށް ހެކިބަސް ދޭން ބޭނުން ނުވާނަމަ އެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ.

މި މައްސަލައާއި ގުޅިގެން 2021 ވަނަ އަހަރު މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ހަސަން ލޫތުގެ އަނބިމީހާ ގެ މައްޗަށްވެސް ވަނީ ބޮޑު ދައުވާއެއްކޮށްފައެވެ. މި ގޮތުން ފިރިމީހާ މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާ ބޭނުންކުރުމުގެ ތުހުމަތުގައި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ރާމިޒާ އަލީގެ މައްސަލައިކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާއިރު އަލުން އެ މައްސަލައިގައިގޮތެއް ކަނޑައަޅަން ޖެހޭކަމަށް ހައިކޯޓުން ވަނީ ހުކުންކޮށްފައެވެ.