ގދ. މަޑަވެލި ބިން ހިއްކާއިރު ހާދޫއާ އެއްކޮށްލަން ރައީސް އިބްރާހިމް މުުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިފަދައިން ވައުދުވެވަޑައިގެންނެވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ކުރެއްވުމަށް ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މަޑަވެލީގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ބިން ހިއްކައި އެ ތަނުން ގޯތި ދޫކޮށް ރޯހައުސް އާއި ފްލެޓު އަޅައި ދެއްވާނެ ކަމަށާއި އައިސް ޕްލާންޓްގެ މަސައްކަތް ވީހާވެސް އަވަހަށް ފަށައި އެތަނުގެ ހިދުމަތް މަސްވެރިންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.
މަޑަވެލީގައި އޭޓީއެމްގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ލިބޭނެ ގޮތް ވެސް ފައްޓަވައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދައުރަކީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއަކަށް ވެގެންދާނެ ކަމަށާއި ސިޔާސަތުތައް ތަންފީޒުކޮށް ނިމޭ އިރު ރަށް ރަށުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ލިބި، ދަރިންނަށް ފަސޭހަ އިން ތައުލީމް ލިބޭނެ ގޮތް ހަދައި ދީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމުން އެތައް ލުއިތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މިއަދު މަޑަވެއްޔަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްދެއްވާފައެވެ.
ރައީސް އޮފީހުން ބުނީ މަޑަވެލީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށާއި މަޑަވެލީ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ. އަދި އެ އިމާރާތުގައި 3 އޯޕީޑީ ރޫމާއި ލެބޯޓްރީއާއި އީއާރާއި ރިސެޕްޝަން އަދި ވެއިޓިން ރޫމާއި ޑްރެސިން އެންޑް އިޖެކްޝަން ރޫމް ހިމެނެއެވެ.