ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލުމުން، އިންތިހާބު ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރެކޯޑު އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށާއި ގިނަ ކެންޑިޑޭޓުން ކުރިމަތިލުމަކީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އިތުރަށް ފަސޭހަވާނެ ސަބަބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގެ ފުރަތަމަ ބައި އިފްތިތާތަހް ކޮށްފައިވާއިރު ރައީސް ވިދާޅުވީ އެ ސިޔާސަތުތައް އެކުލަވާލާފައިވަނީ ރައްޔިތުންގެ ފަރާތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ލިބޭނެ ގޮތަށް ކަމަށެވެ. އަދި ތައުލީމާއި ސިއްހަތާއި، ކުޅިވަރާއި އިޖުތިމާއީ ދާއިރާތަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު މި ފަހަރު މެނިފެސްޓޯއިން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރުމަށް މިދިޔަ މަހުގެ 23 ގައި ހުޅުވާލި ފުރުސަތު އިއްޔެ ހަމަވެފައިވާއިރު މި އިންތިހާބުގައި އަށް ބޭފުޅަކު ވާދަކުރައްވައެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްއެންޕީގެ ކެންޑިޑޭޓް، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

އަދި އަމިއްލަ ގޮތުން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ވަނީ ކުރިމަތިލައްވާފައެވެ. އެހެންކަމުން މިއީ 2008 ވަނަ އަހަރަށް ފަހު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބަށް ވުން އެކަށީގެންވެއެވެ.