ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ކުރިއަށް އޮތް ފިލްމު "ޖޯކަރު" ރިލީޒް ކުރާ ތާރީހު އިއުލާން ކޮށްފިއެވެ.

މިދިޔަ މަހު މި ފިލްމުގެ ފަސްޓްލުކް ދައްކާލުމަށް ފަހު ފިލްމު އަންނަ މަހު ދައްކާނެކަން އިއުލާން ކުރިއެވެ. ނަމަވެސް އޭރު ފިލްމު އަޅުވާނެ ވަކި ތާރީހެއް ފިލްމުގެ ޓީމުން ހާމަކޮށްފައެއް ނުވެއެވެ. އަންނަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ "ޖޯކަރު" އަކީ މިއަހަރު އޮލިމްޕަހުގައި ރިލީޒްކުރާ ހަ ވަނަ ފިލްމެވެ. ސިނަމާގައި އެޅުވި ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރު ޝާނީޒް އަލީ އާއި "ނޯޓީ 40" އަދި "ފޯޓީ ޕްލަސް" ފަދަ ހެއްވާ މަޖާ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.

ކޮމެޑީ ޖޯންރާ އަށް ގެނެސްދޭ މި ފިލްމުގައި ބޮޑު ކާސްޓެއް އެކުލެވޭއިރު ފިލްމުގައި ހިމެނޭ ތަރިންނަކީ ޝީލާ ނަޖީބު، އަހްމަދު ނިމާލް، ނާޝިދާ (ނާއްކޮ)، އަހްމަދު ސައީދު، އަލީ އާޒިމް ދޮން (އައްޔަ) އިބްރާހީމް ރަޝީދު (ބްރޯ)، ހަމްދާމް ފާރޫގު، އަހުމަދު ރިފްޝާން، ޝަހީދާ އަހުމަދު، ޓިކްޓޮކް އިން އާންމުންގެ މެދުގައި ސަމާލުކަން ހޯދި މޫސާ އަލީފް އަދި ނަސްވީ އެވެ.

ޝައި ޕްރޮޑަކްޝަން ކުންފުނީގެ ފިލްމުތަކަކީ އާންމުކޮށް ވަރަށް ވަރުގަދަ ޓެގްލައިން ތަކާއެކު ޓްރެއިލާ ދައްކާލާ ފިލްމުތަކެކެވެ. އެގޮތުނ މިފަހަރު އެމީހުން ގެނެސްދޭ "ޖޯކަރު" ގެ ޓެގްލައިން އަކީ "ލާފް މޯ، ވޮރީ ލެސް" އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު އޮލިމްޕަސް ސިނަމާއަށް މި ފިލްމު ގެންނަން ތާވަލްކުރި ނަމަވެސް ފިލްމު ދައްކާ ވަކި ތާރީހެއް އިއުލާންކޮށްފައެއްނުވެއެވެ.

ޔޫއްޕެގެ ޖޯކަރު އަންނަ މަހު އޮލިމްޕަސް ސިނަމާއަށް ގެންނަން ތާވަލްކޮށްފައިވާއިރު އަންނަ އޮކްޓޯބަރު މަހު ޔޫއްޕެ އެކްޓްކޮށް، ޑައިރެކްޓްކުރި ފިލްމު "ކަޅަކި" ވެސް އޮލިމްޕަހަށް ގެންނަން ވަނީ ތާވަލްކޮށްފައެވެ. މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުން އަންނަނީ އައިފިލްމްސްގެ ވަރުގަދަ ފިލްމު "ނީނާ" އެވެ. އިލްޔާސް ވަހީދު (އިއްލެ) ގެ ޑައިރެކްޝަނަކަށް އުފައްދާފައިވާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ ނުޒުހަތު ޝުއައިބު، ޝަރަފް އަބްދުﷲ އެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އޮލިމްޕަސް ސިނަމާ މިއަހަރު ހުޅުވުމާއެކު ފުލުފުލުގައި ދިވެހި ފިލްމުތައް ރިލީޒްކުރަން އަންނަނީ ތާވަލްކުރަމުންނެވެ. މިއަހަރު ވެގެންދާނީ ދިވެހި ފިލްމު އިންޑަސްޓްރީ ތިޔާގި އަހަރަކަށެވެ.