ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހަޅުއްވައިފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން މުއިއްޒު ފޯމް ހުށަހަޅުއްވާފައި ވާއިރު ޕީޕީއެމްގެ ލީޑަރު އަދި މީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ގޮވާލައްވާފައެވެ. ނަމަވެސް އެ ނިންމުން ގަބޫލު ނުކޮށް ޕީޕީއެމްގެ ސެނެޓުން އިއްޔެ ނިންމާފައި ވަނީ އިންތިހާބުގައި ވާދަ ކުރުމަށެވެ.

ޕީޕީއެމާ ގުޅިފައިވާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރައްވަން އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވާފައި ވަނީ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ކޯލިޝަންގެ ކެންޑިޑޭޓުގެ ގޮތުގައެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ސުޕްރީމް ކޯޓަށް ޕީޕީއެމުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ނިމި، ކޯޓުން ވަނީ އެންމެ ފަހުގެ ނިންމުން ނިންމާފައެވެ. އެގޮތުން އެންމެ މަތީ ކޯޓުން ނިންމީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ދެމެހެއްޓުމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ޔާމީން އާ ދެކޮޅަށް އިއްވި ހުކުމާ ގުޅިގެން ރިޔާސީ ޓިކެޓާ މެދު ހިޔާލު ތަފާތުވެ އިއްޔެ ބޭއްވި އިދިކޮޅުގެ ސެނެޓު ބައިވެރިންގެ ހިޔާލުތަފާތުވުންތައް ބޮޑުވެ މާރާމާރީވެސް ހިންގާފައި ވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 2:00 ގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމްއެވެ. ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައި ވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްއާރްއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫނު ރަނިން މޭޓު އިއުލާން ކުރައްވާފައި ވާ އިރު އުމަރު ނަސީރު އަދި ރަނިންމޭޓް އިއުލާނު ކުރައްވާފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީ ގާސިމް އިބްރާހިމްގެ ރަނިންމޭޓް އަކަށް އަމީން އިބްރާހީމް ވަނީ ހަމަޖައްސާފައެވެ. ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެސް މިއަދު ފޯމް ހުށަހަޅުއްވާނެ ކަމަށް އިއުލާން ކޮށްފައި ވެއެވެ.