އަލަށް އުފެއްދި ސިޔާސީ ޕާޓީ 'ދަ ޑިމޮކްރެޓްސް' އިން އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެންޑިޑެސީ ފޯމް، އިންތިހާބީ އެޖެންޓުގެ މައްސަލައެއް އޮވެގެން ރޭ ފާހެއް ނުވިއެވެ.
މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އިލްޔާސްގެ ކެންޑިޑެސީ ފޯމް ފާސްވެފައި ނުވަނީ އޭނާގެ އިންތިހާބީ އެޖެންޓް ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއްގެ މައްސަލައެއް ހަލާސްކޮށްފައި ނުވާތީއެވެ. މި ދަރެނި ދައްކާ ހަލާސް ކުރެވިފައި ވާކަމުގެ ލިޔުމެއް ބޭންކުން ހޯދުމަށް ޑިމޮކްރެޓްސް އިން މަސައްކަތް ކުރަމުން އަންނައިރު މިކަމާ ގުޅިގެން އަދި އެ ޕާޓީން އެއްވެސް ވާހަަކައެއް ދައްކާފައެއް ނުވެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ފޯމު އިލެކްޝަންސް އިން ބަލައިގެންފައި ނުވާއިރު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމު އީސީ އިން ވަނީ ބަލައިގެންފައެވެ.