މުޖްތަމައުގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވުން ކަމަށާ އެ ހާލަތު ބަދަލު ކުރުމަށް އިސް ސަފުގައި މަސައްކަތް ކުރުމަކީ އަބަދުވެސް އުއްމީދެއް ކަމުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމްގެ ރަނިންމޭޓު ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.

ރޭ ބިލަބޮން ހައި ސުކޫލުގެ ހޯލްގައި ބޭއްވި އެ ޕާޓީގެ ޖަލްސާގައި އަދީލް ވިދާޅުވީ އެންމެ އުފާ ވަނީ ރިޔާސީ އިންތިހާބުގައި ނާޒިމް ފަދަ ސިޔާސީ ފަހުލަވާނަކާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުންކަމަށެވެ.

ރާއްޖޭގައި މީގެކުރިން އެކި ބޭފުޅުން ވެރިކަން ކުރައްވާފައި ވޭ ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މި ވަނީ ހަތަރު އަނގޮޅިއެއްގެ މެދަށް: އަދީލް

މީގެ އިތުރުން އަދީލް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ވަރަށް ގިނަ ކަމަށާއި ޒުވާނުން މަގުމަތިވެ އެފަދަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ގެއްލިފައިވާ ކަމަށެވެ. މުޖުތަމައުގައި ހިތާމަވެރި ކަންބޮޑުވާ މަންޒަރުތައް ފެންނަލެއް ގިނަކަން ފާހަގަ ކުރައްވަމުން އަދީލް ވިދާޅުވީ ރާއްޖޭ ގެ ހާލަތު ބަދަލު ކުރުމަށް އިސް ސަފުގައި މަސައްކަތް ކުރެއްވުމަަކީ އަބަދުވެސް އުއްމީދެއް ކަމަށެވެ. އަދި ނާޒިމްގެ ވެރިކަމެއްގައި އެ ހުރިހާ ހާސްކަމަކާ ކަންބޮޑުވުންތަކެއް ފެހޮލާނެ ކަމަށް އަދީލް ވިދާޅުވިއެވެ.

އިތުރަށް އަދީލް ވަނީ އޭނާއަށް ލިބުނު އެ ފުރުސަތަކީ މުޅި އައްޑޫއަށް ލިބުނު ފަހުރެއް ކަމުގައި ދެކި އައްޑޫ ރައްޔިތުންގެ ތާއީދު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރަނިންމޭޓަކަށް އަދީލް ހަމަޖެއްސެވި ސަބަބު ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ ޑރ. އަދީލަކީ ފަސްބައިގައި ކިލަނބު ކަމެއް ނެތް ގައުމު އިސްކޮށް މަސައްކަތްކުރައްވާނެ ބޭފުޅެއް ކަމަށެވެ.