ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަނުކުރެވޭ ހާލަތުގައި، އެ ކޯލިޝަންގައި އޮތް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ.

ޔާމީނަށް ވާދަނުކުރެވޭ ފަދަ ހާލަތެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ކޯލިޝަންގައި އޮންނަ ޕީއެންސީގެ މަޝްވަރާ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ނެގި ވޯޓު މުއިއްޒު ކާމިޔާބުކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރާ ވާދަކުރައްވައިގެންނެވެ.

މިގޮތުން، މަޝްވަރާ މަޖިލީހުގެ 48 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ ވޯޓާ އެކު މުއިއްޒު ޕްރައިމަރީ ކާމިޔާބުކުރެއްވީ ކުޑަ ތަފާތަކުންނެވެ.

މުއިއްޒުގެ ރަނިންމޭޓަކަށް ހުސައިން ހަމަޖެއްސިކަން ކަށަވަރުކޮށްދެއްވައި ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވިވަޑައިގަތުމުން، ރަނިންމޭޓެއްގެ ގޮތުގައި ބޭފުޅަކު ހަމަޖައްސައި، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހަވާލުކުރެއްވުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.އެހެންކަމުން، އޭނާގެ ރަނިންމޭޓަކަށް ހުސައިން ހަމަޖައްސަން ނިންމެވީ ކަމަށާއި، ހުސައިނަކީ ޒުވާން އަދި ތައުލީމީ ގާބިލް ހިދުމަތްތެރިއެއް ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ހުސައިނަށް ތައުރީފު ކުރައްވައިފައެވެ.

އަންނަ މަހު ބާއްވާ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވޭނެ ކަމަށާއި، އުންމީދަކީ މުއިއްޒުގެ ފޯމް ހުށަހަޅަން ނުޖެހުން ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް އޭނާ ތަކުރާރުކުރެއްވިއެވެ

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގައި ރޭ ބޭއްވި އަޑުއެހުންތަކުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އެ ކޯޓުން ނިންމައިފި ހާލަތެއްގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް އެ ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދޭން އެދިވަޑައިގެންފައެވެ. އެކަމާ ގުޅިގެން އިލެކްޝަންގެ ފަރާތުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ މިހާރުވެސް އަދި މިވަގުތު ވެސް ޕީޕީއެމުން ބޭނުންވާ ނަމަ އިތުރު ކެންޑިޑޭޓެއްގެ ނަން ފޮނުވިދާނެ ކަމަށެވެ. ނުވަތަ އެ ޕާޓީން އިތުރު ކެންޑިޑޭޓަކު ނެރެވިދާނެ ކަމަށެވެ.ޔާމީންގެ ކެންޑިޑެސީ ކަށަވަރުނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ، އުންމީދަކީ އޭނާގެ ފޯމު ހުށަހަޅަން ޖެހޭ ގޮތް ނުވުން ކަމަށާއި، ނަމަވެސް ތައްޔާރީ ހާލަތަކަށްޓަކައި ކުށުގެ ރެކޯޑު ސާފުކުރައްވައި، ކުރައްވަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޔާމީންގެ މައްސަލައިގެ އަޑުއެހުން ނިންމާލާފައި ވަނީ ހަތް ގަޑިއިރުވީ ފަހުންނެވެ. އިތުރު އަޑުއެހުމެއް ބާއްވާނެ ވަކި ދުވަހެއް ކަނޑައަޅާފައި ނުވި ނަމަވެސް، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވިދާޅުވެފައެވެ.ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަންގާރަ ދުވަހުގައެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުގައެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.