އިންޑިއާގެ ގުރުގުރާމް ކައިރީގައި އޮންނަ ނޫހުގެ ޓައުރޫގައި ގައި ދިރިއުޅޭ ފަގީރުންގެ ޖިފުޓިތަކުގެ ތެރެއިން 150 ޖިފުޓިއެއް ސަރުކާރުން ބުލްޑޯޒަރު އަޅާ ހަލާކުކޮށްލައިފިއެވެ.

ސަރުކާރުން މިކަން ކޮށްފައި ވަނީ، އެ ސަރަހައްދުގައި ހުންނަ ފައްޓިއެއްގެ ކައިރީގައި ދީނި 2 ޖަމާއަތެއްގެ ދެމެދުގައި ހިނގި ބޮޑު ހަމަނުޖެހުމެއްގައި އެތައް ވެހިކަލެއްގައި ރޯކޮށް އެއްބަޔަކު އަނެއް ބަޔަކަށް އޮއްގަލުން ހަމަލާދީ ބައެއް މީހުން މަރުވެފައި ވާ ހާދިސާއާ ގުޅިގެން އަދަބު ދިނުމުގެ ގޮތުންނެވެ.

ބުލްޑޯޒަރު އަޅާ 150 ޖިފުޓިއެއް ހަލާކު ކޮށްލުމުގެ އިތުރުން ފައްޅި ވަށައިގެން ހުރި ގެތަކުގެ ތެރެއިން 5 ގެއެއްވެސް އިދާރާތަކުން ވަނީ ހަލާކު ކޮށްލާފައެވެ.

ފުލުހުން ބުނީ، ހުސްވި ޖުލައި 31 ވަނަ ދުވަހު ހިނގި މި ހަމަނުޖެހުމުގައި ގާއުކަން ބައިވެރިވި މީހުންގެ ތެރޭގައި އެ ބަސްތީއަށް ނިސްބަތްވާ 14 ޒުވާނަކު ހިމެނޭ ކަމަށެވެ.

އެ ބަަސްތީ ބުލްޑޯޒަރު އަޅާ ހަލާކު ކޮށްލި އިރު، ބައެއް މީހުންނަކީ އެތާނގައި ދިރިއުޅޭތާ 10 އަހަރު ވެފައި ތިބި މީހުންނެވެ. ގިނައީ ވެސްޓް ބެންގާލް އާއި އާސާމުން ހިޖުރަ ކޮށްފައި ތިބި މީހުންނެވެ. ބައެއް ހަބަރުތައް ބުނާގޮތުން އެއީ ބަންގްލަދޭޝުން އިންޑިއާ އަށް ގޮސް ގަވައިދާ ހިލާފަށް އުޅެމުން ދާ ބައެކެވެ.

ނޫހުގެ ހަމަނުޖެހުމުގައި ރޯކޮށް އަންދާލާފައި ވާ ވެހިކަލްތަކެއް

އޭގެ ތެރެއިން ބައެއް މީހުންގެ އަތުގައި އާދަރު ކާޑާއި ޕޭން ކާޑު ވެސް އޮވެއެވެ. އެ ކާޑަކީ އިންޑިއާގެ ކޮންމެ ރައްޔިތަކަށް އަދި އިންޑިއާގައި ވަކި މުއްދަތަކަށް އުޅެފައި ވާ ކޮންމެ މީހަކަށް ވެސް ލިބޭ 12 ނަމްބަރުގެ ކޮޑެއް ދީފައިން އޮންނަ ކާޑެކެވެ. އެ ކާޑުގެ އެހީގައި ބައެއް ހިދުމަތްތައް ލިބުން ފަސޭހަވެގެން ދެއެވެ.

ފުލުހުން ބުނީ، އެ ބަސްތީ އަކީ ނޫހުގެ ފޮރެސްޓް ޑިޕާޓްމަންޓުގެ ބިމެއް ކަމަށާއި އެ ތާނގައި ދިރިއުޅޭ މީހުންނަކީ ގަވައިދާ ހިލާފަށް ދިރިއުޅޭ ބައެއް ކަމަށެވެ.

ޖުލައި 31 ގެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ 141 މީހަކު ހައްޔަރު ކޮށް 65 މީހަކާ ދެކޮޅަށް ދައުވާ އުފުލާފައެވެ. ޖުލައި 31 ގެ ހަމަނުޖެހުންތައް ނޫހުގެ އިތުރުން ގުރުގާއޯން، ޕަލްވާލް އަދި ފަރީދްއާބާދަށް ފެތުރިގެން ދިޔައެވެ.

3 މީހަކު މަރުވި ހަމަނުޖެހުންތަކުގައި އާންމުން ވަނީ ބަސްތަކާއި ކާރުތަކުގައި ރޯކޮށް، ފިހާރަތަކާއި އާންމުންގެ މުދަލުގައިވެސް ރޯކޮށް ހަދާފައެވެ.