މާލޭގައި ފިރިހެނަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެސްޓުހައުސްއެއްގެ ތެރެއަށް ވައްދައި އޭނާގެ އަތުން ފައިސާތަކެއް ފޭރިގަތް މައްސަލައެއް ބަލަމުންދާ ކަމަށާއި ފައިސާތައް ފޭރިގެންފައި ވަނީ ގަދަކަމުން ބޭންކު އެކައުންޓުން ޓްރާންސްފާ ކުރުވައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު މެންދުރު 13:30 އެހާއިރު ހިނގި މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ ޖޫން މަހުގެ ތޭރޭގައި ތިން ދިވެއްސަކު ރަހީނުކުރި މައްސަލައެއްވެސް ފެންމަތިވެފައިވާއިރު އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބި ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނެއްގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ހައްޔަރުކޮށްފައި ވެއެވެ. އެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.