ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއް އަތުވެއްޖެ ނަމަ، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕީއެންސީ މަޝްވަރާ މަޖިލީހުން މިއަދު ނެގި ވޯޓު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާ އެކު އޭނާ އަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ.

މިއަދު ނެގި ވޯޓުގައި 48 މެންބަރުން ބައިވެރިވެފައި ވާ އިރު ހާޒިރުވީވެސް 48 މެންބަރުންނެވެ.

ކެންޑިޑޭޓްކަން މުއިއްޒު ކާމިޔާބު ކުރެއްވީ އާދަމް ޝަރީފާ ވާދަކުރައްވައި 25 ވޯޓު ހޯއްދަވައިގެންނެވެ. އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯތެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، މި އިންތިހާބު ބޭއްވިގެން ދިޔައީ ޔާމީންގެ އިރުޝާދާއި ލަފާގެ މަތިން ކަމަށާއި، ޔާމީނަށް ވާދަނުކުރެއްވޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ، އެފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އުންމީދަކީ މި މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ޔާމީން މިނިވަންވުން ކަމަށެވެ. އަދި ޔާމީނަށް އިންސާފު ގާއިމްކޮށްދިނުމަށް އެދި އޭނާ ވަނީ ގޮވާލައްވައިފައެެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ އަޅުގަނޑުމެން މިކަމައިގެން ކުރިއަށް ދާން ނުޖެހި، އެމަނިކުފާނު އަޅުގަނޑުމެންގެ ފަރާތުން މުޅި ގައުމުގެ، ދިވެހި ރައްޔިތުންގެ ދިވެހިންގެ ކެންޑިޑޭޓުގެ ގޮތުގަ ދިވެހިންނަށް ރާއްޖެ ހޯދައިދިނުމަށް އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް ވެގެން ދިއުން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތެރޭގެ އިންތިހާބު ދިޔައީ ވާދަވެރި އަދި އެކުވެރި މާހައުލެއްގެ ތެރެއިން ކަމަށެވެ. އުންމީދަކީ އެކުވެރިކަމާ އެކީ ކުރިއަށް ދިއުން ކަމަށާއި، އޭރުން ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އިންތިހާބުން ބަލިވެވަޑައިގަތް އާދަމް ޝަރީފް ވަނީ މިއަދު ބޭއްވި އިންތިހާބުން ހާމަވެގެން ދިޔައީ ޔާމީނަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ޑިމޮކްރެޓިކް ލީޑަރުގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"އެއީ މި ހާލަތުގައި ވެސް އަމިއްލަ މަސްލަހަތަށް ވުރެ ޕާޓީގެ މަސްލަހަތު އިސްކުރައްވައި، ވާދަކުރުމުގެ ފުރުސަތު ހުޅުވާލަދެއްވައި، އޭގެ ތެރެއިން އަޅުގަނޑުމެންނަށް ވާދަކުރުމުގެ ފަހި ފުރުސަތު ލިބި، ނިޒާމެއްގެ ތެރެއިން މިކަން ހަމަޖެހިގެން ދިޔަކަން، އެއީ އަޅުގަނޑު ހިތުން ރައީސް ޔާމީންމި ދެ ޕާޓީގައި ވެސް ޑިމޮކްރެޓިކް ވެލިއުސް ވަރަށް ރަނގަޅަށް ގެންގުޅުއްވައި، ދިރުވަން އާލާކޮށް މަސައްކަތްކުރައްވާ ކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވިގެން ދިޔަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، އުންމީދަކީ އޭނާގެ ފޯމު ހުށަހަޅަން ޖެހޭ ގޮތް ނުވުން ކަމަށާއި، ނަމަވެސް ތައްޔާރީ ހާލަތަކަށްޓަކައި ކުށުގެ ރެކޯޑު ސާފުކުރައްވައި، ކުރައްވަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އަދި ރަނިންމޭޓަކާ މެދު ގޮތެއް ނުނިންމަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށް ވާދަކުރެއްވޭނެ، އެހެންވީމަ އެއީ ދެން އެ ފުރުސަތު ނުލިބިއްޖިއްޔާ އެޕްލިކޭޝަން އޮގަސްޓު 7 ގަ އެ ޑެޑްލައިންގެ ކުރިން ލުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،"

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުމަށް ވުރެ ގާތީ ނުލިބުމެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.

ޔާމީންގެ ކެންޑިޑެސީ އާ ގުޅޭގޮތުން، އެމަނިކުފާނުގެ ފަރާތްޕުޅުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އީސީން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން މިއަދު އީސީ އަށް ވަނީ އަންގާފައެވެ. އީސީން ވަނީ މި މައްސަލާގައި ސުޕްރީމް ކޯޓަށް މިއަދު މެންދުރުފަހު 3 ގެ ކުރިން ޖަވާބު ފޯމު މެދުވެރިކޮށް ޖަވާބު ދޭނެ ކަމަށް ބުނެފައެވެ.