ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ނާގާ ވޯޓުން ނާކާމިޔާބު ވެވަޑައިގަތަސް، ކާމިޔާބު ކުރާ ކެންޑިޑޭޓާއެކު މަސައްކަތް ކުރައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ބުނީ މިއަންނަ މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީއިން ކެންޑިޑޭޓެއް ނެރުމަށް މިއަދު ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށާއި އެހެންކަމުން އެ ޕާޓީގެ ފަރާތުން ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި މިއަދު މެންދުރުފަހު 2 ޖެހުމުގެ ކުރިން ޝައުގުވެރިކަން ފާޅުކުރާކަން ބަޔާން ކުރާ ލިޔުމެއް ޕާޓީގެ ރައީސް އަށް އެޑްރެސްކޮށް ފޮނުވުމަށް ޕީއެންސީއިން ވަނީ ބުނެފައެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަ ކުރާނެ ފަރާތެއް ކަނޑައަޅާނީ މިއަދު ހަވީރު 4 ޖަހާއިރު ބާއްވާ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ކަމަށް އެ ޕާޓީއިން ބުނެއެވެ.

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާ، ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ މެންބަރުންނަށް ހުޅުވާލުމާއެކު އާދަމް ޝަރީފްގެ އިތުރުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިމަތިލައްވާފައެވެ.

އެކަމާ ގުޅިގެން ދެއްވި އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ މިއަދު ނަގާ ވޯޓުން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ ކާމިޔާބު ކުރުމަށްޓަކައި ކަމަށާއި އެހެންނަމަވެސް ކޮންމެ ހާލަތެއްގައި ވިޔަސް ޕާޓީގެ އެއްބައިވަންތަކަމާއި ވަހުދަތު ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ދޭ އަނިޔާއާއި އެމަނިކުފާނު މި އިންތިހާބުގައި ވާދަކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެއާއެކު ރައީސް ޔާމީން އިހްތިޔާރު ކުރެއްވީ ޑިމޮކްރެޓިކް ރީތި އުސޫލުގެ މަތިން އެ ފުރުސަތު ޕީއެންސީ އިން ހުޅުވާލައިގެން ކުރިއަށް ދިއުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއީ ޕީޕީއެމްއާއި ޕީއެންސީގައި އޮތް ޑިމޮކްރެޓިކް އުސޫލުތައް ދެމެެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތާއެކު ފަހިވެގެން ދިޔަ ފުރުސަތެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މި ފުުރުސަތުން މި ކޯލިޝަނުގައި ވަރަށް ބޮޑަށް ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުމަށް ރައީސް ޔާމީން ގެންގުޅުއްވާ ހިކުމަތްތެރިކަމާއި ދެއްވާ ފުރުސަތަށް ފާހަގަ ކުރައްވާ އާދަމް ޝަރީފް ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފައެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އޭނާ ނިކުވެވަޑައިގަންނަވަނީ ރައީސް ޔާމީން މިނިވަން ކުރައްވަން ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަަޑައިގަތުމަށް ވުރެ ގާތީ ނުލިބުމެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.

މި މައްސަލައިގެ އަޑުއެހުމެއް މާދާމާގެ 2:30 އަށް މިހާރު ވަނީ ތާވަލު ކޮށްފައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ އާ ގުޅޭގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އީސީ އިން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން އިއްޔެ ވަނީ އީސީ އަށް އަންގާފައެވެ. އީސީން ވަނީ މި މައްސަލާގައި ސުޕްރީމް ކޯޓަށް މިއަދު މެންދުރުފަހު 3 ގެ ކުރިން ޖަވާބު، ފޯމު މެދުވެރިކޮށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.