ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް މާދަމާ ޕީއެންސީގެ ސެނެޓުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމެއް މިހާރު ވަނީ މާދަމާގެ ހެނދުނު 10 ޖަހާއިރަށް ތާވަލު ކޮށްފައެވެ. ޕީއެންސީގެ ސެނެޓްގެ މެމްބަރުންނަށް ފޮނުވާފައިވާ އެޖެންޑާގައި އޮތީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމާ މެދު ގޮތެއް ނިންމުމާއި ވާދަ ކުރަން ނިންމައިފިނަމަ, އަސާސީ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމެވެ.

ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ކަމަށް އަޑުތައް އަރާފައި ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަައީދު ނަމަވެސް ޣައްސާނާއި ވާދަ ނުކުރައްވާކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

ޕީއެންސީން ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ޕީއެންސީން ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް، ވަކި ކެންޑިޑޭޓެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމުގެ އިހްތިޔާރު ރައީސް ޔާމީނަށް ދެއްވުމަށް ކޯލިޝަންގެ ލީޑާޝިޕުން ނިންމާފައިވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.

މިފަދަ ނިންމުންތައް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމާނީ ރައީސް ޔާމީންގެ މަޝްވަރާ އާ ލަފާގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުމަށް ވުރެ ގާތީ ނުލިބުމެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ އާ ގުޅޭގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އީސީ އިން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން މިއަދު އީސީ އަށް ވަނީ އަންގާފައެވެ. އީސީން ވަނީ މި މައްސަލާގައި ސުޕްރީމް ކޯޓަށް މާދަމާ މެނދުރުފަހު 3:00 ގެ ކުރިން ޖަވާބު ފޯމު މެދުވެރިކޮށް ޖަވާބު ދޭނެ ކަމަށް ބުނެފައެވެ.