އަންނަ މަހު ބާއްވާ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް ދެވަނަ ފަހަރަށް ވޯޓަށް އެހުމުން ވެސް، ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުން ދަމަހައްޓައިފިއެވެ.

މިހާރު މި އޮތް ވެރިކަން ކުރާ ކޯލިޝަންގައި ޖުމްހޫރީ ޕާޓީން އަދިވެސް އެބައޮތެވެ.

ވެރިކަން ދިފާއު ކުރެއްވުމަށްޓަކައި ނިކުމެވަޑައިގަތުމަށް ފަހު ކޯލިޝަން އާ ކުރުމަށް ޖުމްހޫރީ ޕާޓީ އަށް ރައީސް ދައުވަތު ދެއްވި ނަމަވެސް، ފެބްރުއަރީ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ނިންމާފައި ވަނީ އެ ޕާޓީގެ ތެރެއިން ކެންޑިޑޭޓަކު ނެރެ، އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.

އިންތިހާބުގައި ރައީސަށް ތާއީދުކުރުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވެސް ވާހަކަތަކެއް ދެކެވި ވޯޓަށް އަހާފައެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލުކުރުމުން، ރައީސްގެ ނަންފުޅު ވިދާޅުނުވި ނަމަވެސް، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، އެހެން ކެންޑިޑޭޓަކަށް ތާއީދުކުރޭތޯ ނުކުރޭތޯ މިއަދުގެ ބައްދަލުވުމުގައި އެހި ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މެންބަރުން ނިންމެވީ ޕާޓީގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ.

"އެހެން އެއްވެސް ބަޔަކާ އެއްކޮށް ދާނެ ކަމެއް ނެތޭ، އަޅުގަނޑުމެން ދާންވީ ހަތަރުވަނަ ގައުމީ ކޮންފަރެންސުން ނިންމައި، ކައުންސިލުން އެންޑޯޒް ކޮށްފަ އޮތް ގޮތަށް، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު އިސްވެ ހުރެ، ހަދާ ކޯލިޝަނެއް ހަދަންޏާ ހަދަންވާނީ ވެސް އެގޮތަށޭ،" އާރިފް ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރާނެ ކަމަށް އިއުލާނު ކުރެއްވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާ އެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދޭތޯ ސުވާލުކުރުމުން އާރިފް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިއަދު ވެސް ނިންމީ ހުރިހާ ޕާޓީތަކާ ވާހަކަ ދައްކައިގެން، ކުރިއަށް ދެވޭނެ ގޮތެއް އޮތިއްޔާ ކުރިއަށް ދިއުމަށް ކަމަށެވެ.

މިހާރު ވެސް ޕާޓީތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ޖުމްހޫރީ ޕާޓީން ބާއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިއުލާނު ކުރެއްވި ނަމަވެސް، ޖުމްހޫރީ ޕާޓީގެ ފަރާތުން ކެމްޕެއިން ހަރަކާތްތައް ހިންގާ މަންޒަރެއް ނުފެނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ގާސިމް ފޯމު ހުށަހަޅުއްވާނެ ސީދާ ތާރީހެއް ވެސް ނޭނގެއެވެ.