ހއ. މުރައިދޫގައި އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި މިއަދު ފެނުގެ ނިޒާމް އިފްތިތާހް ކޮށްފިއެވެ.

އެރަށުގައި ފެނުގެ ނިޒާމް އިފްތިތާހް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ހާއްސަ ރައްސިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ. މިރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި، އެކުންފުނީގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

އެ މަޝްރޫއުގެ ދަށުން، މުރައިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށްފައި ވާއިރު، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައި ދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެން ތާނގީ ވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް ވަނީ ފޯރުކޮށް ދީފައެވެ.

ހއ. މުރައިދޫގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީ އަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 46.85 މިލިއަން ރުފިޔާއެވެ.