ޕީޕީއެމް ގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އިންޒާރުދީ ބިރު ދެއްކި މައްސަލަ ބެލައިދިނުމަށް އިދިކޮޅުން ފުލުހުންނަށް ގޮވާލައިފިއެވެ.
ޕީޕީއެމްއިން ބުނީ މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް ކާކުކަން ނޭނގޭ، ރާއްޖެއިން ބޭރުގެ ނަންބަރަކުން މެސެޖްކޮށް، މުއިއްޒަށް ހަމަލާދޭނެކަމަށް ބުނެ ބިރުދައްކާ މަރުގެ އިންޒާރު ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ނާތަހުޒީބު ދަށު ދަރަޖައިގެ ފިނޑި އަމަލުތަކުން، އެ ކޯލިޝަންގެ ލީޑާޝިޕްގައި ބައިބައި ކުރެވިދާނެކަމަށް ހީކުރުމަކީ އެކަން އެކުރާ ބަޔަކަށް ކުރެވޭ ކުށްހީއެއް ކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.
އެ މައްސަލަ މުއިއްޒު ފުލުހަށް ހުށަހަޅުއްވާފައިވާއިރު އެ ނަންބަރަކީ ތައިލެންޑްގެ ނަންބަރެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެ މެސެޖުތަކުގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ މެސެޖުތަކުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ނިންމުން ބަދަލުކުރަން މުއިއްޒު އެއްވެސް ވަރަކަށް ވިސްނަވައިގެން ނުވާނެ ކަމަށާއި ޔާމީންގެ ނިންމެވުމަކީ ފަހުގެ ނިންމެވުން ކަމަށެވެ. އަދި ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި އެ ކޯލިޝަނުގެ ކެންޑިޑޭޓަކަށް ވާނީ ވެސް ޑރ. ޖަމީލް ކަމަށެވެ.
ޕްލޭން ބީ އާއި ސީ އަކަށް ވެސް ވާނީ ޔާމީންގެ ނިންމެވުން ކަމަށް ވެސް މެސެޖުތަކުގައި ވަނީ ބުނެފައެވެ.
ޕީޕީއެމްއިން ބުނީ އެ ކޯލިޝަންގެ ލީޑާޝިޕްވެސް އަދި ސެނެޓްވެސް މަސައްކަތް ކުރާނީ އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު، ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.
އެހެންކަމުން އެކަން ހުއްޓާލުމަށް ގޮވާލާ ޕީޕީއެމްއިން ވަނީ މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް އިންޒާރުދީ މެސެޖް ކުރި ފަރާތެއް ހޯދައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާފައެވެ.