ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވާ މެލޭޝިއާ އާއި އިނގިރޭސި ވިލާތުގެ އިތުރުން، އިންޑިޔާގެ ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ.

ނަމަވެސް ‏ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓަރީ ވެފައިނުވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރީ ރަޖިސްޓްރޭޝަން ހުޅުވާލަނީ މިމަހުގެ 16 އިން ފެށިގެން ގޮސް އަންނަ މަހުގެ 5 އާ ހަމައަށެވެ. ނަމަވެސް އޮންލައިންކޮށް ރަޖިސްޓްރޭޝަން ބަލައިގަންނަނީ 16 ވަނަ ދުވަހުން ފެށިގެން ގޮސް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކަމަށް އީސީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.