ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ކޮލެޖުގެ ތިން ޓީޗަރަކު ޗިތުރަކޫޓް ފުލުހުން ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ އަންހެން ދަރިވަރުގެ 25 އަހަރުގެ ތިމާގެ ކުއްޖަކު ވެސް ރޭޕްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
"މިހާތަނަށް އެ އަންހެން ކުއްޖާގެ ކަޒިން ހިމެނޭ ގޮތަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައި. ތަހުގީގު ކުރިއަށް އެބަދޭ" އިންޑިއާގެ ޗިތްރަކޫޓު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ވަރިންދާ ޝުކްލާ ވިދާޅުވިއެވެ.
ހައްޔަރުކުރި ޓީޗަރުންގެ ތެރެއިން ދެ ޓީޗަރަކީ އެ އަންހެން ކުއްޖާ މިހާރު ކިޔަވަމުން އަންނަ ކޮލެޖަކަށް ނިސްބަތްވާ ޓީޗަރުން ކަމަށް ވާއިރު އަނެއް ޓީޗަރު ކިޔަވައިދެނީ ސަރުކާރުގެ އެހީގައި ހިންގާ އެހެން ކޮލެޖެއްގައެވެ.
ފުލުހުން ބުނީ އަންހެން ކުއްޖާގެ ބައްޕަ ފުލުހުންނަށް މައްސަލަ ހުށަހެޅީ ކޮލެޖުގެ ޓީޗަރަކު އޭނާގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި ކަމަށް ބުނެ ކަމަށެވެ.
ބައްޕަ ބުނި ގޮތުގައި އޭނާގެ އަންހެން ދަރިފުޅު ބުނީ އެ ކޮލެޖުން އޭނާ ކަނޑާލާނެ ކަމުގެ އިންޒާރު ދީ، ޓީޗަރުން އޭނާއަށް ޖިންސީ ފުރައްސާރަވެސް ކުރާ ކަމަށެވެ.
ފުލުހުންނާއި މެޖިސްޓްރޭޓްގެ ކުރިމަތީގައި އެ އަންހެން ކުއްޖާ ދިން ބަޔާނެއްގައި ވަނީ އެ ކޮލެޖުގެ ޕްރިންސިޕަލާއި ޓީޗަރުން ހިމެނޭ ގޮތަށް އިތުރު ބައެއް މީހުންގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލާގައި ކޮލެޖުގެ ޕްރިންސިޕަލްގެ ދައުރު ވެސް ބަލަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެ އަންހެން ކުއްޖާގެ ކަޒިން ހައްޔަރު ކުރީ އެކި ފަހަރު މަތިން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބަޔާނުގައި ބުނެފައި ވާތީ ކަމަށެވެ.
ކޯލް ޑިޓެއިލްސް [ފޯން ކޯލުގެ ތަފްސީލު] ބެލުމުން ފުލުހުންނަށް އެނގުނު ގޮތުގައި އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ ކަޒިން އަކީ އެ އަންހެން ކުއްޖާއާ އާންމުކޮށް ގުޅާ ހަދާ މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކޮލެޖުގެ އެހެން މުވައްޒަފުންނާއި ކުއްޖާގެ ކްލާސް ކުދިންނާއި ރައްޓެހިންނާއި ސުވާލު ކުރަމުން އަންނަ ކަމަށެވެ.