ސަރުކާރުގެ ނުފޫޒެއް ނެތް ނަމަ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ކަށަވަރުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް މިއަދު އީސީ އަށް ހުށަހަޅާފައި ވާއިރު ނޫސްވެރިންނާ ބައްދަލުކުރައްވައި ޖަމީލް ވިދާޅުވީ ސަރުކާރުގެ ނުފޫޒެއް ނެތް ނަމަ މިހާރު ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ އޮންނާނީ ނިމިފައި ކަމަށެވެ. އަދި އެއާއެކު، އެމަނިކުފާނުގެ ކެންޑިޑެސީ ކަށަވަރުވީސް ކަމަށް ޖަމީލް ވިދާޅުވިއެވެ. އިތުރަށް ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ނުނިމިގެން އުޅެނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ އަކީ ޕީޕީއެމްގެ އެންމެހާ މެންބަރުންގެ އިތުރުން ވަރަށް ގިނަ ރައްޔިތުންގެ ހައްގާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި ޖަމީލް ވަނީ ވީ އެންމެ އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި ރިޔާސީ ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ގޮވާލައްވަމުން ޖަމީލް ވިދާޅުވީ ޖަލުގައި އޮންނަވައިގެން ވެސް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅީ މިއަދު ހެނދުނުއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމާ މެދު މިއަދު ގޮތް ނިންމާ އެކަން ކެންޑިޑެސީ ހުށަހެޅި ފަރާތަށް އަންގާނެ ކަމަށެވެ.