ހަސަނަށް އައި ފޯނަކުން 2ޖީގެ ހިދުމަތާ އެކު ފެށިގެން ދިޔަ އުރީދޫ މޯލްޑިވްސްގެ ހިދުމަތަށް 18 އަހަރު މިއަދު ފުރިފައި ވާއިރު، އުރީދޫގެ ކަސްޓަމަރުންނަށް މި މުނާސަބަތާ ގުޅިގެން ހާއްސަ އޮފާތަކެއް ތައާރަފް ކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ކުންފުނިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، މިއަދު ތައާރަފް ކުރާ ހިދުމަތްތަކުގެ ތެރޭގައި ޕޯސްޓްޕެއިޑް އާއި ސުޕަނެޓް ކަސްޓަމަރުންނަށާއި ގޭމް ކުޅޭ ޒުވާނުންނަށާއި ކުޑަކުދިންނަށް ހާއްސަ އޮފާތަކެއް ހިމެނޭ ކަމަށެވެ.
އެގޮތުން ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މިއަދުން ފެށިގެން ހާއްސަ ޑިސްކައުންޓެއް ލިބޭ އޮފާއެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ މަހުން މަހުން ދައްކަމުން ދާ ޕޯސްޓް ޕެއިޑް ބިލް ގިނަ މަސްތަކަކަށް ދައްކާލައިގެން ޑިސްކައުންޓް ލިބޭ އޮފާއެކެވެ. އެ އޮފާގައި 3 މަހުގެ ބިލް އެއް ފަހަރާ ދައްކާލައިގެން 5 ޕަސެންޓްގެ ޑިސްކައުންޓެއް އަދި ދެ އަހަރަށް ބިލް ދައްކާލައިގެން 20 ޕަސެންޓްގެ ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ.
ސުޕަނެޓް ހިދުމަތުގެ ތެރެއިން އުރީދޫއަށް 18 އަހަރު ފުރުމާ ގުޅިގެން ވަނީ އާ ޕެކޭޖެއް ތައާރަފް ކޮށްފައެވެ. އެއީ 18 އެމްބީޕީއެސް ސްޕީޑްގައި ދޫކުރާ އަންލިމިޓެޑް ޕެކޭޖެކެވެ. މި ޕެކޭޖްގެ އަގަކީ މަހަކު 599 ރުފިޔާ ކަމަށާއި މި ޕެކޭޖް ބޭނުން ކުރާ އިރު މުޅި މަސް ދުވަހު އިންޓަނެޓް ބޭނުން ކުރާ އިރު ވެސް ސްޕީޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ތްރޮޓްލް ނުވާނެ ކަމަށް އުރީދޫން ބުނެއެވެ.
ހަމައެއާއެކު އެއާފައިބާ އިން ގޭމާސް އަށް ހާއްސަކޮށް 1 ޓީބީގެ ޑޭޓާ މުޅި މަހު ބޭނުން ކުރެވޭ ގޮތަށް ޕްލޭންތަކެއް ވަނީ ތައާރަފް ކޮށްފައެވެ. މި ޕްލޭންތަކަކީ ކޮންމެ ހަފްތާއަކު ބިލް ދައްކާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕެކޭޖްތަކެއް ކަމަށް އުރީދޫން ބުނެއެވެ. އަދި ކޮންމެ ހަފްތާއަކު ބިލް ދައްކާލުމުން 250 ޖީބީ ޑޭޓާ ލިބޭނެ ކަމަށާއި މުޅި މަހަށް އެކީ 1 ޓީބީ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ގޭމާސްއަށް ހާއްސަކޮށް މި ޕެކޭޖް ފަރުމާކޮށްފައި ވަނީ ގޭމް ކުޅޭ ފަރާތްތަކަކީ އެހާ ބައިވަރު ޑޭޓާ އެއްފަހަރާ ބޭނުން ކުރާނެ ބަޔަކަށް ނުވާތީ ކަމަށް އުރީދޫން ބުނެއެވެ. އަދި ގޭމް ކުޅޭ ފަރާތްތަކުން އެންމެ ބޮޑަށް ޑޭޓާ ބޭނުން ވާނީ ގޭމްތައް އަޕްޑޭޓް ކުރުމަށް ކަމަށް ވާތީ މި ޕްލޭންތަކަކީ ގޭމް ކުޅޭ ފަރާތްތަކަށް ކަމުދާނެ ޕްލޭނަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް އުރީދޫން ބުނެއެވެ.
މީގެ އިތުރުން މުޅިން އަލަށް އުރީދޫން ވަނީ ކުޑަކުދިންނަށް ހާއްސާކޮށް ރާއްޖެއަށް ޑިސްނީ ގޭމްސް ތައާރަފު ކޮށްފައެވެ. ޑިޒްނީ ގޭމްސް ލޯންޗު ކުރާ އިރު އެއް ދުވަހަށް ނަގާ ޕެކޭޖްގެ އަގަގަކީ 2 ރުފިޔާއެވެ. 7 ދުވަހަށް ނަމަ 10 ރުފިޔާއެވެ. އަދި މަހަކަށް މި ގޭމްސް ނަގާނަމަ 20 ރުފިޔާ ދައްކަން ޖެހޭ އިރު، މި ގޭމްސްގައި ޑިޒްނީ ގޭމްސްގެ އިތުރުން ކުޑަކުދިންނާ ގުޅޭ 100 ވަރަކަށް ގޭމްސް ހިމެނޭނެ ކަމަށް އުރީދުން ބުނެއެވެ.