ޗައިނާގެ އިސް މަގާމުތަކުގައި ތިއްބަވާ އޮފިޝަލުން ވާނުވާއެއް ނޭނގި ގެއްލެމުން ދާ މިދަނޑިޅަޅުގައި ނިއުކްލިއާ ދޯސްގެ އިސް 2 ވެރިއަކު ވެސް ގެއްލިއްޖެއެވެ.

ހަބަރެއް ދަބަރެއް ނެތި އެތައް މަހެއް ފާއިތުވެފައި ވާ އިރު މިހާރު ވަނީ އާ ވެރިން އައްޔަން ކޮށްފައެވެ.

ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ ރޮކެޓް ފޯސްގެ ވެރިއަކަށް ހުންނެވި ޖެނެރަލް ލީ ޔޮޗާއޯ އާއި އޭނަގެ ޑެޕިއުޓީ ޖެނެރަލް ލިއު ގުއާންގްބިން އަށް ވީނުވީއެއް ނޭނގި ގެއްލިފައި ވާ އިރު، އެ ފޯސް ގެ އަވެރިއަކަށް ހަމަޖެއްސީ ނޭވީގެ ކުރީގެ ޑެޕިއުޓީއަކަށް ހުންނެވި ވޭންގް ހޯބިން އެވެ. ޑެޕިއުޓީއަކަށް ހަމަޖެއްސީ އެ ޕާޓީގެ ސެންޓަރަލް ކޮމިޓީގެ މެންބަރު ޝޫ ޝިޝެންގް އެވެ.

އޭޝިއާ ސޮސައިޓީ ޕޮލިސީ އިންސްޓިއުޓުގެ ފެލޯ ލީން މޮރިސް ވިދާޅުވީ، ނިއުކްލިއާ ގާބިލުކަން އިތުރު ކުރުމާއި ހަރުދަނާ ކުރުމުގައި ޗައިނާ އިން އަމާޒު ހިފާފައި ވަނީ މިދިޔަ 10-12 އަހަރުވެސް ނުގެންނަހާ ތަރައްގީ ގެންނަން ކަމަށާއި، ޕީއެލްއޭގެ ކޮންޓްރޯލް ޝީ ނެނެގެވުމަށް ފަހު، ޕާޓީއަށް 100 ޕަސެންޓް ވަފާތެރި ނޫން އެންމެން ބަދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިސް ލީޑާޝިޕްގައި ކޮރަޕްޓް ވެރިއަކު ހުންނަވަން ޝީ ބޭނުންފުޅު ނުވާ ކަމުގެ އެއް ސިގްނަލަކީ އެފަދަ ވެރިން ބަދަލު ކުރުން ކަމަށެވެ.

ޗައިނާގެ ރައީސްގެ އިތުރުން ޝީ އަކީ އެގައުމުގައި އޮންނަ އެންމެ އިސް އަސްކަރީ ކޮމާންޑް، ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާވެސް މެެއެވެ.

ޗައިނާ ސަރުކާގެ މީޑިއާއިން މީގެ ކުރިން ކޮށްފައި ވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ޗައިނާގެ އަސްކަރިއްޔާގެ މައްޗަށް ލީޑާޝިޕްގެ ފުރިހަމަ ބާރާއި ނުފޫޒު އޮންނަން ޖެހޭ ކަމަށާއި ކޮންމެހެން ހައްލުކުރަން ޖެހޭ ކަންކަމަށް ފޯކަސް ކޮށްގެން ކުރިއަށް ގެންދަން ޖެހޭ ކަމަށް މިދިޔަ މަހު ބޭއްވި ބައްދަލުވުމެއްގައި ޝީ ވިދާޅުވެފައި ވާ ކަމަށެވެ.

މަގާމުން ދުރުކުރި 2 ޖެނެރަލުންނާ ބެހޭ ގޮތުން ޗައިނާ ސަރުކާރުން މިހާތަނަށް އެއްޗެސް ބުނެފައި ނުވި ނަމަވެސް ސައުތު ޗައިނާ މޯނިން ޕޯސްޓުގައި ބުނެފައި ވަނީ، މަގާމުން ވަކި ކުރި 2 ޖެނެރަލުންނާ ގުޅޭ މައްސަލަތަކެއް ކޮރަޕްޝަންގެ މައްސަލަތައް ބަލާ އިދާރާތަކުން ބަލަމުން ދާ ކަމަށެވެ.

ނިއުކްލިއާ ފޯސްގެ އިސް ދެވެރިން މަގާމުން ދުރުކުރި އިރު ދާދި ފަހުން ވަނީ ޗައިނާގެ ހާރިޖީ ވަޒީރުވެސް މަގާމުން ދުރުކޮށް ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން އޭނާ ކުރައްވާފައި ވާ ކަންކަމާއި އަދި އޭނާ އާ ގުޅޭ ހުރިހާ ލިޔުމެއް ސަރުކާރުގެ ސައިޓުތަކުން ވެސް ނަގާފައެވެ.