ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ، އެ ރަށަކަށް އޮންލައިންކޮޮށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މާދަމާގެ ނިޔަަލަށް އިތުރު ކޮށްފިއެވެ.

ރީ ރަޖިސްޓްރޭޝަން ހުޅުވާލަނީ މިމަހުގެ 16 އިން ފެށިގެން ގޮސް އަންނަ މަހުގެ 5 އާ ހަމައަށެވެ. އަދި އޮންލައިންކޮށް ރަޖިސްޓްރޭޝަން ބަލައިގަންނަނީ 16 ވަނަ ދުވަހުން ފެށިގެން ގޮސް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އިއްޔެ އީސީއިން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ އޮންލައިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކުރަން އީސީއިން ނިންމާފައިވާ ކަމަށެވެ.

ރީ-ރަޖިސްޓްރީ ވުމަށް އެދި މިމަހުގެ 29 ގެ ނިޔަލަށް ޖުމްލަ 11933 ފޯމު ކޮމިޝަނަށް ހުށަހަޅާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ރީ-ރަޖިސްޓްރީ ވުމަށް ހުށަހެޅި 8624 ފޯމަކާއި ކަރުދާސް ފޯމުގެ ގޮތުގައި ހުށަހެޅުނު 3309 ފޯމެއް ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރު ވެފައި ވަނީ، މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގައި އެކަނި ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް އަދި ވޯޓުލާ މީހުން ރަޖިސްޓަރީ ވެފައި ނުވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައި ވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.