ށ. މާއުނގޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް 4 އަހަރު ވަންދެއް ހުއްޓިފައި އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މާއުނގޫދޫގައި ފެށި މަސައްކަތްތަކުގެ ތެރެއިން އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުދާ މަސައްކަތްތައް ހުރިކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މާއުނގޫދޫއަކީ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފެށި ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ފެށި އެއް ރަށް ކަމަށާއި އެހެންނަމަވެސް ހަވާލުކުރެވުނު ކުންފުނީގެ ސަބަބުން އެ މަސައްކަތް 4 އަހަރު ވެގެން ދިޔައިރުވެސް ނިމުމަކަށް އައިސްފައި ނުވާ ކަމަށެވެ. އަދި އޭރު އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރެއްވީ އެ ކުންފުންޏަކީ އެ މަސައްކަތް ކުރާ އެންމެ ރަނގަޅު ކުންފުންޏަށްވުމާއެކު އަވަހަށް އެ މަސައްކަތް ނިންމޭނެ ކަމުގެ އުންމީދުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އޭރު މަސައްކަތް ހަވާލުކުރެއްވި ރަށްތަކުގެ ތެރެއިން އެ މަސައްކަތް ނިމުނީ އެންމެ ރަށެއްގައިކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވަނީ އެއީ ވަރަށް ހިތާމަހުރި ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ކޮންޓްރެޓް ބާތިލުކޮށްފިނަމަ ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ގޮތެއް ނުފެނިއްޖެނަމަ ކޮންޓްރެކްޓް ބާތިލްކޮށްގެން ވިޔަސް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހަވާލުކޮށްގެން ނަމަވެސް މާއުނގޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަދޭނެ ކަމަށެވެ. އޭގެ އިތުރުން ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް ދައުރުގައި މާއުނގޫދޫގެ ރައްޔިތުން އެދުނުގޮތަށް ބޮޑެތި މަގުތައް ހަދާ، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް އަންހެނުން ޑޮކްޓަރެއް ބަހައްޓުމާއެކު ޒަމާނީ މިސްކިތެއް އަޅައިދޭން ވައުދުވެވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ކުރިއަށް މިއޮތް ދައުރުގައި މާއުނގޫދޫގެ ރައްޔިތުން އެދުނުގޮތަށް ބޮޑެތި މަގުތައް ހަދާ، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް އަންހެނުން ޑޮކްޓަރެއް ބަހައްޓާ ޒަމާނީ މިސްކިތެއް އަޅައިދޭނަން"
ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ އެ ރަށަކީ ސިޔާސީ ރަށެއްކަން ފައިބަައިވަޑައިގަތުމާއެކު އެނގިވަޑައިގެން ކަމަށާއި ތަފާތު ހުރިހާ ކުލައެއް އެ ރަށުން ފެންނަމުންދާއިރު މަދުން ނަމަވެސް ބައެއް ރަށްރަށުން މިހާރު ފެންނަ ފިޔާތޮށި ކުލަވެސް ފެންނަމުންދާ ކަމަށެވެ. އަދި އެ ރަށުގެ ޕީޕީއެމް މެންބަރުން ކުރާ މަސައްކަތް ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.