ޕާކިސްތާންގެ ހުޅަނގު އުތުރު ބަޖައުރުގައި އިސްލާމިސްޓު ޕާޓީގެ ޖާމިއަތު އުލަމާ އެ އިސްލާމް ފާޒުލް (ޖޭޔޫއައި-އެފް) އިން ބޭއްވި ރެލީއެއްގެ ތެރޭގައި އެއްޗެއް ގޮއްވާލައި 44 މީހަކު މަރާލައިފިއެވެ.

އެ ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާ އިރު، އެއީ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭނެ ހެކި ހުރި ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

އޮފިޝަލުން ބުނީ ޒަހަމްވެފައި ވާ އެންމެން ހޮސްޕިޓަލް ތަކަށް ގެންގޮސްފައި ވާއިރު އޭގެ ތެރޭގައި ސީރިއަސް ހާލަތުގައި ތިބި 15 މީހަކު ހިމެނޭ ކަމަށާއި އެހެން ކަމުން މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެން ވާ ކަމަށެވެ.

އަފްގާނިސްތާނުގެ ބޯޑަރާ ކައިރީގައި އޮންނަ ބަޖައުރުގައި އޮތް އެ ރެލީ އަށް އެތައް ސަތޭކަ ބަޔަކު އެއްވި ކަމަށާއި، ހަމަލާ ދޭން ޖެހުނު ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ. ނަމަވެސް މިހާރު އެސަރަހައްދު ކޯޑަން ކޮށް ތަހުގީކު ކުރަމުން ދާކަމަށް ވަނީ ބުނެފައެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ހަބަރުތަކުން ބުނީ، ރެލީ އޮތް ސަރަހައްދުގައި އެއްބަޔަކު ތިބީ ސްޓޭޖް މަތީގައި ކަމަށާއި އަނެއް ބަޔަކު އެއްވެ ތިބީ ޓެންޓު ޖަހާ ހިޔާކޮށްފައި އޮތް ތަނުގައި ކަމަށެވެ. އެ ގޮވުމާއެކު ޓެންޓް ވެއްޓުނީ މީހުންގެ ބޯމައްޗަށް ކަމުން ގިނަ ބަޔަކަށް ނުނިކުމެވި ތާށިވި ކަމަށް ބުނެއެވެ.

100 އެތައް މީހަކު ޒަހަމްވި އިރު އެސަރަހައްދުގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަން ފުރިފައިވާ ކަމަށާއި ބައެއް މީހުންނަށް ހިދުމަތް ނުލިބި ފެންޑާގައިވެސް ތިބި ކަމަށް މަންޒަރު ދުށްމީހުން ބުނެފައި ވެއެވެ.

އެ ހަމަލާގައި ޖޭޔޫއައި-އެފް ގެ ސަރަހައްދީ ލީޑަރެއް ކަމަށް ވާ މައުލާނާ ޒިއާއުއްލޯ ވަނީ މަރުވެފައެވެ.

ޖޭޔޫއައި-އެފް އަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދީނީ ޕާޓީއެވެ.

މި ހަމަލާ އާ ގުޅިގެން ކުށްވެރިވާ އެންމެނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ވިދާޅުވަމުން އެގައުމުގެ ބޮޑުވަޒީރު ޝޭހްބާޒް ޝަރީފް ވިދާޅުވީ، އެ ހަމަލާ ދިން މީހުންނަނީ، ޕާކިސްތާނުގައި އިސްލާމް ދީނާއި ކީރިތި ޤުރުއާން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅު ޓެރަރިސްޓުން ކަމަށެވެ.

"ޕާކިސްތާނާ ދެކޮޅު ޓެރަރިސްޓުންގެ ވަސް ފުހެލާނަން"
ޝެރީފް

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާ އިރު އާންމު ގޮތެއްގައި ހައިބާރު ޕަހުތުންހުވާގައި ދޭ ޓެރަރިސްޓް ހަމަލާތައް ދެނީ އައިއެސް ޖަމާއަތުންނެވެ.

ހުސްވި ޖޫންމަހު އެ ޕާޓީގެ ލީޑަރަކު އިނާޔަތު ކިއްލީގައި މަރާލާފައި ވާ އިރު އެހަމަލާގެ ޒިންމާ އައިއެސް އިން އުފުލާފައިވެއެވެ.

ހައިބާރު ޕަހުތުންހުވާގައި އޮޕަރޭޓް ކުރާ އައިއެސް އަކީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާ ގުޅިފައި އޮންނަ ގޮތްޕެކެވެ.