އިންޑިއާގެ ބިހާރަށް ހިޖުރަކޮށްގެން އުޅުނު ދެމަފިރިއެއްގެ 5 އަހަރުގެ އަންހެން ދަރިފުޅު ގޭ ދޮރުމަތީގައި ހުއްޓާ، ކިޑްނެޕް ކޮށްގެން ގެންގޮސް ރޭޕްކޮށް މަރާ އެއްލާލައިފައި އޮއްވާ ފެނިއްޖެއެވެ.

އެ ކުއްޖާ ކިޑްނެޕް ކުރުމުން ފުލުހަށް ރިޕޯޓް ކުރުމާއެކު ހޯދަމުން ދަނިކޮށް ފެނުނީ ކިޑްނެޕް ކުރިތާ 20 ގަޑިއިރުފަހުންނެވެ.

މި ނުބައި ޖަރީމާގެ ވާހަކަ އިންޑިއާގެ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާފައި ވާ އިރު، އަންހެނުންނާއި އަންހެން ކުދިންނާ މެދު އިންޑިއާގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ލިސްޓަށް އިތުރުވި މިއީ ލާއިންސާނީ ބޮޑު ޖަރީމާއެކެވެ. ހާއްސަކޮށް އެކި ބޭނުންތަކުގައި ކެރަލާއަށް ހިޖުރަ ކޮށްގެން އުޅޭ ފަރާތްތަކާ މެދު އަމަލުކުރާ ލާއިންސާނީ ގޮތްތަކުގެ ބޮޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަގައި ތުހުމަތު ކުރެވޭ އުމުރުން 29 އަހަރުގެ އަސަފަގް އާލަމް ކިޔާ މީހަކު ހުކުރު ދުވަހު ފުލުުހުން ހައްޔަރު ކުރި ނަމަވެސް އެ ކުއްޖާގެ ހަށިގަނޑު ފެނުނީ އިއްޔެއެވެ.

ކޮޗީގެ ފުލުހުންގެ ޑީއައިޖީ ޑރ. ސްރީނިވާސް އޭ ވިދާޅުވީ، ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތާނގައި ޒަހަމް ހުރި ކަމަށާއި ހަށިގަނޑުގެ ވަށައިގެން ބޮޑު ތިން ގާ ބާއްވާފައި އޮތް އިރު ހަށިގަނޑު އޮތީ ޕްލާސްޓިކާއި ކުނިބުނި އަޅާ ފޮރުވާލާފައި ކަމަަށެވެ.

ފުލުހުންގެ އިދާރާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ ކުއްޖާގެ ހަށިގަނޑަށް އަނިޔާ ދިނުމުގެ އިތުރުން ބޯވެއް ފަޅާލާފައިވާ ކަމަށާއި ތުހުމަތު ކުރެވޭ މީހާއަށް، މީހަކު ވަގަށް ނެގުމާއި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރާނެ ކަމަށެވެ.

އެ ކުއްޖާ ވަގަށް ނެގި މީހާ، އެއީ އޭނާގެ ދަރިއެއް ކަމަށް ބުނެ، އަވައްޓެރިންނަށް އޮޅުވާލާފައި ވާ އިރު ކުއްޖާ ވަގަށް ނެގީ މެޓާ ދީ ހައްލާލައިގެން ކަމަށް ވެސް މިހާރު ދަނީ ބެލެވެމުންނެވެ.

"އޭނާ ކުއްޖަކާ އެކު ފެނުމުން އެހީމައި ބުނި ތިމަންނާގެ ދަރިއެކޭ، މިދަނީ މާކެތް ދައްކާލާށޭ"
އާންމުންގެ މީހެއް

ފުލުހުން އިތުރަށް ބުނެފައި ވަނީ، ކުއްޖާ ވަގަށް ނެގި މީހާ ހުރި މަސްތުގެ ހާލަތުގައި ކަމަށާއި ފުލުހުންނަށް ދޮގު ބަޔާންދީ އޮޅުވާލަން ވެސް މަސައްކަތް ކޮށްފައި ވާ ކަމަށެވެ. ފުލުހުން އިތުރަށް ބުނީ، ތުހުމަތުވާ މީހާގެ އިތުރުން އެހެން ބަޔަކު ބައިވެރިވޭތޯވެސް ބަލަމުން ދާ ކަމަށާއި ސީސީޓީވީ ފްޓޭޖްތަކުން ފެންނަ ގޮތުގައި، ކުއްޖާ ވަގަށް ނަގަނީ އޭނާގެ ގޭގެ ކައިރިން ކަމަށެވެ. އަދި ދެވަނަ ފްޓޭޖެއްގައި އޭނާ ފެންނަ އިރު ކުއްޖާ ނެތް ކަމަށާއި އެހެން ކަމުން ޝައްކު ކުރެވޭ އިތުރު ކަންކަން ބަލަމުން ދާކަމަށް ވެސް ބުނެފައި ވެއެވެ.