މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގަން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މާލޭ ސަރަހައްދުގައި ރޭން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް ދިމާވި ސަބަބު ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ އެމްޑީ އަހުމަދު އައްފާލް ވިދާޅުވެފައި ވަނީ ވަރަށް ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި ޒުވާނުން ޑޮކްޓަރަށް ދައްކަން އޭޑީކޭއަށް އައިސްފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކަން އޭޑީކޭއަށް އައި މީހުންގެ ސީދާ އަދަދު ދަންނަވަން ދަތިކަމަށެވެ. ރޭ ފަތިހުން ފެށިގެން ގިނަ އަދަދެއްގެ ކުޑަކުދިން އޭޑީކޭ ހޮސްޕިޓަލް އަށް ޑޮކްޓަރަށް ދެއްކުމަށް ގޮސްފައި ވާއިރު ހޮޑުލުމާއި ބޭރަށް ހިންގަން މެދުވެރިވި ސަބަބު މިހާތަނަށް އަދި ޔަގީން ކުރެވިފައި ނުވާ ކަމަށް އޭނާ ވެސް ވަނީ ވިދާޅުވެފައެވެ.
އާންމުކޮށް ހުކުރު ދުވަހަކީ ހޮސްޕިޓަލްތަކަށް މީހުން ދިޔުން މަދު ދުވަހެއް ނަމަވެސް ރޭ ފަތިހު 4 އިން ފެށިގެން އޭޑީކޭ އަދި އައިޖީއެމްއެޗްގެ އީއާރަށް ގިނަ އަދަދެއްގެ ބެލެނިވެރިން ތުއްތު ކުދިންނާއި ޒުވާން އުމުރުގެ ކުދިން ގޮވައިގެން ދާކަން ވަނީ "ދަ ޕްރެސް" ގެ ނޫސްވެރިންނަށް ފާހަގަ ކުރެވިފައެވެ. ހެނދުނު 9 ޖަހަން ދިޔަ އިރު އިރު އެ ދެ ހޮސްޕިޓަލްގެ އިތުރުން ސެނަހިޔާ އާއި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށްވެސް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ގެންގޮސްފައެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ދިމާވީ ރޭ ބޭއްވި ފުޅަނދު ބުރުގައި ބެހި މެޓާތަކެއް ކައިގެން ކަމަށް ބައެއް މީހުން ބުނަމުންދާއިރު މެޓާ ނުކާ އެތައް ކުދިންތަކެއް ވެސް ވަނީ ބަލިވެ ޑޮކްޓަރަށް ދައްކާފައެވެ.
ބައެއް ބެލެނިވެރިން ބުނެފައި ވަނީ މިހާރު ފެތުރެމުން ދާ ވައިރަލް އަކީ، ލައިފް ފެނުން ދިމާވާ ކަމެއް ކަަމަށާއި، ވައިރަލް ފެތުރެމުން ދާތާ ހަފްތާއެއް ވެއްޖެ ކަމަށެވެ. ލައިފް ފެނުގެ ވާހަކަ ފާހަގަ ކުރި ބައެއް މީހުން ވަނީ އެވާހަކަތައް ސޯޝަލްމީޑިއާ ގްރޫޕުތަކުގައިވެސް ފާހަގަ ކޮށްފައެވެ. ނަމަވެސް އެއީ ލައިފް ފެނުން ވާކަމެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.