އިންޑިއާގެ މަނިޕޫރުގައި ހިނގާ ދާހިލީ ހަމަނުޖެހުމުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާއިރު ހަމަނުޖެހުމުގެ ޒިންމާ ވެރިކަން ކުރާ ބީޖޭޕީގެ ސަރުކާރުން ނަގަންޖެހޭ ކަމަށް ބުނެ އިދިކޮޅުން މޯދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފިއެވެ.

އިދިކޮޅު ކޮންގްރެސް އާއި ގުޅިފައިވާ ޕާޓީތަކުން މި މައްސަލަ ހުށަހެޅި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ބީޖޭޕީގެ ސާފު މެޖޯރިޓީ އޮތުމުން އެ މައްސަލަ ފާސްވާނެ ކަމަކަށް ނުބެލެވެއެވެ. ތިރިގޭގައި ހިމެނޭ 542 މެންބަރުންގެ ތެރެއިން ބީޖޭޕީއަށް 301 މެންބަރުންގެ ތާއީދު އެބައޮތެވެ.

ވާދަވެރި ގުޅިފައިވާ ޕާޓީތަކުން ބުނީ އިތުބާރުގެ މައްސަލަގައިގެ އެންމެ ބޮޑު ބޭނުމަކީ 160 މީހަކު މަރުވެ 60،000 ހާހަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ މަނިޕޫރުގެ މައްސަލައާ ގުޅޭ ގޮތުން ބޮޑުވަޒީރު ނަރެންދްރަ މޯދީ ޖަވާބުދާރީ ކުރުވުން ކަމަށެވެ.

އިދިކޮޅުން ހުށަހެޅި މައްސަލަ ތިރިގެ "ލޮކްސަބާ" އިން ބަލައިގެންފައި ވާ އިރު ބަހުސަށް ހުޅުވާ ލުމުގެ ކުރިންވެސް މައްސަލަ މިހާރު ވަނީ ހޫނުވެފައެވެ. އެގޮތުން ބީޖޭޕީއަށް ނިސްބަތްވާ ބައެއް މެންބަރުން މިހާރު ދަނީ ކޮންގްރެސް އާއި އެ ޕާޓީގެ ލީޑަރު ރާހޫލް ގާނދީއަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުންނެވެ.

ސްމިތްރީ އިރާނީ

އެގޮތުން ސްޓާޕަލަސްގެ ޑްރާމާތަކާއި ބައެއް ފިލްމުތަކުން ފެނި މަޝްހޫރުކަން ހޯދާ، މިހާރު ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ސްމިރްތީ އިރާނީ އަދި ޔޫނިއަން މިނިސްޓަރު ވިދާޅުވީ، ކޮންގްރެސް އިން ކޮންޓްރޯލް ކުރާ ސިޓީތަކުގައި ހިނގާ ރޭޕްގެ ހާދިސާތަކާއި އަންހެނުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ވާހަކަ ދައްކަން ނުކެރެކީ ކީއްވެތޯއެވެ. އަދި މަނިމޫޕުގައި "ހުޅު ރޯކުރަނީ" [މައްސަލަ ހޫނު ކުރަނީ] ކޮންގްރެސްގެ ލީޑަރު ރާހޫލް ގާނދީ ކަމަށްވެސް އޭނާ އަޑުހަރުކޮށް ވިދާޅުވެއެވެ.

މޮދީ ގެ މައްސަލަ މަޖިލީހަށް ހުށަހެޅި އިރު، މަނިޕޫރު މައްސަލަގައި މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަތުމަށް އިދިކޮޅުން ގޮވާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އެމައްސަލަގައި މޯދީ ވާހަކަ ދައްކަވާފައެއް ނުވެއެވެ.

3.2 މިލިއަން މީހުންގެ އާބާދީއެއް އޮތް މަނިޕޫރުގެ ހަމަނުޖެހުން ހިނގާތާ އެތައް މަހެއް ވެފައި ވާ އިރު މޯދީ އެމައްސަލައިގައި އެއްޗެއް ވިދާޅުނުވެ ހުންނެވުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ. އެ ފާޑުކިޔުންތަކުގެ ތެރެއިން އިހަށްދުވަހު ފެންމަތިވި އެ ސިޓީއާ ގުޅޭ ހާދިސާއަކާއެކު މޯދީ ވަނީ އެމައްސަލައިގައި ކުށްވެރިވާ އެންމެނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ މެއި މަހު ހިނގި އެހެން ނަމަވެސް އިހަށް ދުވަހު ފެންމަތިވި މައްސަލަ އަކީ 2 އަންހެނަކު ބަރަހަނާ ކޮށް މަގުމަތީގައި ދަމާ، ކޮއްޕާ، ހިންގުވި މައްސަލައެކެވެ.

މަނިޕޫރުގެ ހަމަނުޖެހުން އުފެދިގެން އުޅެނީ، އެތާނގައި އޮންނަ މައިގަނޑު ދެ ނަސްލު ކަމަށް ވާ ހިންދޫންނާއި ކްރިސްޓިއަނުންގެ ތެރެއިން ކްރިސްޓިއަން ކޮމިއުނިޓީއަށް ލިބިދޭ ވަޒީފާގެ ހައްގާއި ތައުލީމީ ފުރުސަތުތައް އިތުރަށް ފުޅާ ކުރަން އެސިޓީގެ ސަރަހައްދީ ސަރުކާރުގެ ކޯޓަކުން ކުރި އަމުރަކާ ގުޅިގެންނެވެ. އެއާއެކު އެ ދެބައިމީހުންގެ ދެމެދުގައި ކުރިމަތުންތައް ހިނގާ، ގެދޮރުގައި ހުޅުޖަހާ، މީހުން މަރާ ހަދާފައި ވެއެވެ.