ނައިޖަރަށް ގެނައި އަސްކަރީ ބަޣާވާތާ ގުޅިގެން އެފްރިކާގެ ގައުމުތަކުގެ ފިއްތުންތަކާ ހުރެ، 3 އަހަރުތެރޭ އިންތިހާބަކަށް ދާނެ ކަމަށް ބުނެ، ބަޣާވާތުގެ ލީޑަރު އެގައުމުތަކަށް އިންޒާރެއް ވެސް ދީފިއެވެ.

ބަޣާވާތުގެ ލީޑަރު ޖެނެރަލް އަބްދައުރަހުމާނޭ ޗިއާނީ ބުނީ، 3 އަހަރުތެރޭ އިންތިހާބެއް ބާއްވަން އެއްބަސްވި ނަމަވެސް އެކަން ކުރާނެ ގޮތެއް ނިންމާނީ، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ބޭއްވުމަށް ތާވަލު ކޮށްފައި ވާ އަސްކަރީ ކައުންސިލްގެ ބައްދަލުވުމަށޤ ފަހުގައި ކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލާފައިވާ ނެޝަނަލް ކައުންސިލް އާއި އާންމު ރައްޔިތުންވެސް ހަނގުރާމަ ބޭނުން ނުވާ ކަމަށާއި، ނަމަވެސް މިހާރުގެ ހާލަތަށް ރިޔާއަތް ކޮށް އެއްވެސް ފަރާތަކުން ނައިޖަރަށް ހަމަލާއެއް ދީފި ނަމަ އެކަން އެއީ 'ޕާކުގައި ހިނގާލާ ހިނގުމަކަށް' ނުވާނެ ކަމަށެވެ.

އޭނާ ކުރި އިންޒާރަކީ ހަމަލާއެއް ދީފިނަމަ ރައްދުގައި ހަމަލާދޭނެ ކަމަށް ކުރި އިންޒާރެެކެވެ.

އިންތިހާބެއް ބާއްވަން ބަޣާވާތުގެ ލީޑަރު އެއްބަސް ވެފައި މިވަނީ، އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްްސް (އިކޯވާސް) ގެ މަންދޫބުންނާއި އޭނާ އާ ދެމެދު ނައިޖީރިއާގެ ވެރިރަށް ނިއާމޭގައި ބޭއްވި ބައްދަލުވުމަށް ފަހުއެވެ.

އިންތިހާބަކަށް އޭނާ އެއްބަސްވެފައި ވާ އިރު އީކޯވާސްގައި ހިމެނޭ 15 މެންބަރު ގައުމުގެ ތެރެއިން 11 ގައުމުން ވަނީ، އަސްކަރީ ބާރުގެ ބޭނުން ކޮށްގެން ނައިޖަރަށް އަރަން އެއްބަސްވެފައެވެ. އަދި އެކަން އެގޮތަށް ކުރަނީ ނައިޖަރުގައި ގާނޫނީ ހުކޫމަތު ހިންގަން ކަމަށް ވެސް ބުނެފައި ވެއެވެ.

މިދިޔަ ޖުލައި 26 ގައި ގެނައި ބަޣާވާތް ނިމުމަކަށް ގެނެސް، ކުރީގެ ރައީސް އަށް ގައުމު ހަވާލު ކުރަން ހުޅަނގުން ޕްރެޝަރު ކުރަމުން ދާ އިރު ް އަބްދައުރަހުމާނޭ ބުނެފައި ވަނީ، ހުޅަނގުގެ މަދަދުވެރިކަމާއެކު އިކޯވާސް އިން ނައިޖަރަށް އަރަން ތައްޔާރުވަމުން ދާ ކަމަށެވެ. ނަމަވެސް އެކަމަށް ޖާގަ ނުދޭނެ ކަމަށާއި، ހަނަގުރާމަ އަކީ ނައިޖަރުން ބޭނުންވާ ކަމެއް ނޫން ކަމަށް ބުނެ، މަޝްވަރާއަށް ތައްޔާރު ކަމަށް ވެސް ބުނެފައި ވެއެވެ.

"އަހަރެމެންގެ ބޭނުމަކީ ވެރިކަން އަތުލުމެއް ނޫން، ނަމަވެސް އަހަރެމެން އަބަދުވެސް ތިބޭނީ ނައިޖަރުގެ ރައްޔިތުންނަށް ފައިދާވާ މަޝްވަރާތަކަށް ތައްޔާރަށް"
އަބްދައުރަހުމާނޭ

އިކޯވާސް އިން ނައިޖަރުގެ ބަޣާވާތް ކުށްވެރިކޮށް، ގާނޫނީ ހަމަތަކުގެ ތެރެއަށް ވަނުމަށް ބަޣާވާތުގެ ލީޑަރުންނަށް ޕްރެޝަރު ކޮށް އަސްކަރީ ގޮތުން ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެ ބިރު ދައްކާފައި ވާ އިރު، ނައިޖަރަކީ، އެފްރިކާގައި މުހިންމު އިސްތިރާޖީ ސަރަހައްދެއްގައި އޮންނަ ގައުމެކެވެ. ޔޫރޭނިއަމް އާއި ތެލުގެ މުއްސަނދިކަން އޮތް މި ގައުމަކީ، އައިސިލް އާ ދެކޮޅަށް ހަނގުރާމަ ކުރާ ބޭރުގެ ފައުޖުތައް ވެސް ގާއިމުވެ ތިބޭ މައި މަރުކަޒުތައްވެސް ހުންނަ ގައުމެވެ. އެހެން ކަމުން ނަޖަރަށް ހަމަޖެހުން އައުމަކީ ހުޅަނގާއި އިކޯވާސް އިން ކޮންމެހެންވެސް ބޭނުންވާ ކަމަކަށް ވާއިރު، އަސްކަރީ ބާރުގެ އިތުރުން ސިޔާސީ ގޮތުންވެސް ހަމަޖެހުން އައުމަށް ބޭނުން ވެއެވެ.